ސްރީލަންކާގެ މަޝްހޫރު ޓެލެމެޑިސިން ޕްލެޓްފޯމް "އޯޑޮކް" މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ހިލޭ ޑޮކްޓަރަށް ދެއްކޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފި އެވެ.
އުރީދޫއިން ބުނީ މި މަހުގެ ނިޔަލަށް މި ޕްރޮމޯޝަންގެ ދަށުން ހިލޭ ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ. އެކަމަކު ހިލޭ ޑޮކްޓަރަށް ދެއްކޭނީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށެވެ. އެޕް މެދުވެރިކޮށް ސްޕެޝަލިސްޓުންނަށް ދައްކަން ފީއެއް ނަގަ އެވެ.
މި އެޕް މެދުވެރިކޮށް ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ލިބެ އެވެ. އުރީދޫއިން ބުނީ އޯޑޮކްއާ ގުޅިގެން ތައާރަފްކުރި މި ހިދުމަތުގެ ބޭނުމަކީ ގޭގައި ތިބެގެން ލަންކާގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއިއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން އިން ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ
https://twitter.com/OoredooMaldives/status/1304450523605549056
އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ އަދި ރާއްޖޭގެ، އާންމު ބަލިތަކާބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ.
އޯޑޮކް އެޕްގައި ހިދުމަތްދޭ ހުރިހާ ޑޮކްޓަރުންނަކީވެސް ޑޮކްޓަރެއްގެ ގޮތުގައި ރެޖިސްޓާވެ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރުން ކަމުގައި އެ ޕްލެޓްފޯމުން ޔަގީންކަން ދޭކަމަށް އުރީދޫން ވަނީ ބުނެފައެވެ.
މި އެޕް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއި އެކު ބޭސް ސިޓީ ފޯނަށް ފޮނުވާލަދެވޭނެއެވެ.
އޯޑޮކް އާ ބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން http://ore.do/odoc މެދުވެރިކޮށް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް