ޑިމޮކްރަސީން ކަށަވަރުކޮށްދޭ ހައްގުތައް ފުރިހަމަ މާނައިގަ ލިބޭނީ ކޯވިޑުން ސަލާމަތް ވެގެން: ރައީސް

ޑިމޮކްރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް އެންމެ ފުރިހަމަ މާނައިގަ ލިބިގަތުމަށް ހުރަސް އެޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވި...

15 Sep 2020 | 09:57

ޑިމޮކްރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް އެންމެ ފުރިހަމަ މާނައިގަ ލިބިގަތުމަށް ހުރަސް އެޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރަސީގެ ފުރިހަމަ ފައިދާތައް ހޯދުމަށް ކޯވިޑްގެ ނުރައްކަލުން ވީހާ ވެސް އަވަހަކަށް މިންޖުވާން މަސައްކަތްކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީ ޒިންމާ އިސްކޮށް އިޖުތިމާއީ ގައިދުރުކަމަށް ބަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، ޑިމޮކުރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަންތައް އެކުގައި މަސައްކަތްކުރުމަށާއި، ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ހިތާބުގައި ރައީސް ވަނީ އިޤްތިސާދަށް ދިރުން ގެނައުމަށް ވެސް، ކޯވިޑް-19 އާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާފައި ވެއެވެ.

ބައިނަލް އަގުވާމީ ފެންވަރެއްގައި ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި، އެކަމަށް މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ކަންކަން، ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރުއެޅުމަށް ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް