އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރިޔަސް ރާއްޖެ އާއި އެކު ކުރެވިފައިވާ މަޝްވަރާތަކުގެ ތެރެއިން އިންޑިއާ އިން ރާއްޖެއަށް ފިޔާ އެކްސްޕޯޓު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިންޑިއާގައި ފިޔާ ލިބުމުގައި ދަތިތަކާއި ކުރިމަތިވެގެން އެ ގައުމުގެ ސަރުކާރުން ވަނީ އިއްޔެއިން ފެށިގެން އިންޑިއާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފައި އެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނި އެގޮތަށް އެ ހަމަޖެއްސި ނަމަވެސް ޓުޓިކުރިން އަދި ކޮޗިން އިން މެދުނުކެނޑި ދިވެހިރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ޑިރެކްޓަރު ޖެނެރަލް އޮފް ފޮރިން ޓްރޭޑްގެ ފަރާތުން ނެރެފައިވާ ނޮޓިފިކޭޝަންގައި ވާގޮތުން އިންޑިއާއިން މިހާރުވެސް، އަދި ކުރިއަށް އޮތްތަނުގައިވެސް ހާލަތުގެ ގޮތުން ތަކެތީގެ އެކްސްޕޯޓް މަނާކުރި ނަމަވެސް، ދިވެހިރާއްޖެއަށް ފޮނުވޭ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތަކުގެ އެކްސްޕޯޓް މެދުނުކެނޑި ކުރިއަށްދާނެއެވެ.
އެ މިނިސްޓްރީން ފިޔާ އަލުވި، ހަނޑޫ، ގޮދަން ފުށް، މުގު އަދި ބިސް ފަދަ ތަކެތީގެ ކޯޓާ ރާއްޖެއަށް އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި މި ތަކެތި ރާއްޖެއަށް ގެނައުމުގައި ދެ ގައުމުގެ ދެމެދުގައި ފަށާފައިވާ ކާގޯ ފެރީން އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓްރީް ބުނެ އެވެ.
ޓުޓިކުރިން ބަންދަރުން ސެޕްޓެމްބަރު 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކާގޯ ފެރީ ސާވިސް ކޯޗީއިން އެކްސްޕޯޓް އައިޓަމްތައް ހިފައިގެން ފުރަތަމަ އައުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 26 ގައި ކުޅުދުއްފުއްޓަށެވެ. އަދި ކުޅުދުއްފުއްޓަށް ފަހު ސެޕްޓެމްބަރ 28 ގައި މާލޭގައި ބަންދަރުކުރާނެއެވެ.
މި ކާގޯ ފެރީ ހިދުމަތަކީ ޒަރޫރީ ތަކެތީގެ ސަޕްލައި މެދުނުކެޑި ދެމެހެއްޓުމަށްޓަކާއި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ރައީސް ސޯލިހް ކުރެއްވި މަޝްވަރާތަކަށް ފަހު އަޅުއްވާފައިވާ ފިޔަވަޅެކެވެ. ފެރީ ސާވިސްގެ ސަބަބުން ދިވެހި އެކްސްޕޯޓް ވެސް ކުރިއަރައިގެންދާނެއެވެ.
މިނިސްޓްރީން ބުނީ ފެރީ ހިދުމަތުގެ ސަބަބުން ދިވެހި އެކްސްޕޯޓް ވެސް ކުރިއަރައިގެންދާނެއެވެ. އެގޮތުން ދިވެހި މަހުގެ ބާވަތްތަކީ މަހުގެ އުފެއްދުންތައް އިންޑިއާއަށާއި ޔޫރަޕުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް