ނޭމާ ހަތް މެޗަށް ސަސްޕެންޑް ކުރަނީ

ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗުގައި މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒް ނަސްލީގޮތުން ދިމާކުރިކަމަށް ބުނެ ޕީއެސްޖީގެ ތަރި ނޭމާ އަލްވާރޯގެ ގަޔަށް އަތްލާ ހަމަލާ ދީފައިވާތީ ނޭމާއަށް 7 މެޗުގެ ސ...

15 Sep 2020 | 07:16

ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗުގައި މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒް ނަސްލީގޮތުން ދިމާކުރިކަމަށް ބުނެ ޕީއެސްޖީގެ ތަރި ނޭމާ އަލްވާރޯގެ ގަޔަށް އަތްލާ ހަމަލާ ދީފައިވާތީ ނޭމާއަށް 7 މެޗުގެ ސަސްޕެންޝަން އަތުވެދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕީއެސްޖީން މި ސީޒަންގައި މިހާތަނަށް ކުޅުނު 2 މެޗުން ވެސް ބަލިވެފައިވާއިރު، މާސެއިލް މެޗުގައި ނޭމާއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކީ ވީއޭއާރ ރިވިޔު އިން ނޭމާ ގޮންޒަލޭޒްގެ ގައިގާ ޖެހިކަމަށް ފެނުމުންނެވެ. ރަތް ކާޑު ދެއްކުމުން ދަނޑުން ފައިބަމުން ވެސް ނޭމާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މެޗަށް ފަހުގައި ވެސް ގޮންޒަލޭޒް އޭނާއާ ނަސްލީގޮތުން ދިމާކުރި ކަމަށާއި، އެކަން ރެފްރީގެ ސަމާލުކަމަށް ގެނައުމުން ވެސް އަޅާނުލިކަމަށް ބުނެ ނޭމާ ވަނީ ވާހަކަދައްކާފައެވެ. މި ހާދިސާއާ ގުޅިގެން މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒްއަށް 10 މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ނޭމާ އާއި ގޮންޒަލޭޒްއަށް އަންނާނެ އަދަބެއްގެ ކުޑަ ބޮޑުމިން އަދި އިތުރު އަދަބެއް ދޭނެކަން ނުވަތަ ނޫންކަން ވެސް ކަށަވަރު ވާނީ ފްރާންސްގެ ޕްރޮފެޝަނަލް ފުޓްބޯޅަ ގަވާނިންގ ބޮޑީ (އެލްއެފްޕީ) އިން މި މައްސަލަ އިތުރަށް ބެލުމަށްފަހު ގޮތެއް ނިންމުމުންނެވެ. ފްރާންސްގެ ނޫހެއްކަމުގައިވާ އާރއެމްސީ ސްޕޯޓްސސް އާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުގައި އެލްއެފްޕީގެ ގަވާޢިދު ބުނާގޮތުން ނޭމާގެ ކުށުގެ އަދަބެއްގެ ގޮތުގައި ގިނަވެގެން 7 މެޗުގެ ސަސްޕެންޝަނެއް ދެވިދާނެއެވެ.

ނޭމާއަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މީޑިޔާ ރިޕޯޓުތައް ބުނާއިރު، އެލްއެފްޕީ އިން އަންނަނީ ގޮންޒަލޭޒްއަށް ކުރެވޭ ނަސްލީ ދިމާކުރުންތަކުގެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެނަމަ 10 މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުން ވަރަށް ގާތެވެ.

ޕީއެސްޖީ އަތުން 20 މެޗަށްފަހު އަލަށް މާސެއިލް މޮޅުވި މެޗުގެ އިތުރު ވަގުތުގައި މެޗު ހޫނުވެ ހަމަނުޖެހުން ހިނގިއިރު 190 ސިކުންތުގެ ތެރޭގައި ވަނީ 5 ކުޅުންތެރިންނަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އަދި މުޅި މެޗުގައި 12 ރީނދޫ ކާޑު ވެސް ދެއްކިކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް