ހެދިފައިވާ އެއްބަސްވުންތަކަށް ބަލައިގެން ވާހަކަދައްކާ ނަމަ ގަރެތު ބޭލް އަކީ އަދިވެސް ރެއާލް މެޑްރިޑްގެ ކުޅުންތެރިއެކެވެ. އެހެނަސް، ރެއާލް އިން ބޮޑު އަގުގައި ގަނެ ބޮޑު މުސާރަ ދެމުން އަންނަ ބޭލް މިހާރު ރެއާލް އިން ނުވެސް ފެނެއެވެ. ރެއާލްއިން، ލަސްލަހުން ރަބަރަކުން ލިޔުމެއް ފުހެލާހެން ބޭލް އެ ކްލަބުން ފުހެލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުންނަމަ މިހާރު ރެއާލް މެޑްރިޑާ ބޭލްއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ފަދައެވެ. ރެއާލްއިން މި ހާލަތުގައި މިހާރު އަތް އުރާލައިގެން ތިބީ ބޭލް އަމިއްލައަށް ވިޔަސް އަވަސް ހައްލެއް ހޯދާނެކަމުގެ އުންމީދުގައެވެ. އެހެނަސް ބޭލްގެ އަމަލުތަކުން ވެސް މިހާތަނަށް ފެންނަން އޮތީ ކޮންމެ ގޮތެއް ވަރިހަމަކަމެވެ.
ރެއާލްއިން ވީ އެންމެ އަވަހަކަށް ބޭލް ވިއްކާލަން ބޭނުން ވިޔަސް ބޭލްއަށް އަދިވެސް އެކަށީގެންވާ ހުށަހެޅުމެއް އެހެން ކްލަބަކުން ނާދެއެވެ. އަނެއްކޮޅުން އެއްބަސްވުމުގައި ބާކީ އޮތް 2 އަހަރު ބޮޑު މުސާރައާއެކު ހޭދަކޮށްލުން ބޭލްއަށް މާކަ ބޮޑު ކަމަކަށް ނުވާނެކަން ކަށަވަރެވެ. މިހާތަނަށް ބޭލް އާއި ރެއާލްގެ ވަރިފަށަށް އެރި ގުޅުން ބުނެދެނީ "ބޭލްއަށް ގޮލްފް ކުޅެވެންޏާ އެވީ" ކަމުގައެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ވޭލްސް އަށް މެޗުތަކެއް ކުޅެދިނުމަށްފަހު މީގެ 5 ދުވަސް ކުރިން ބޭލް ވަނީ މެޑްރިޑަށް އަހިސްފައެވެ. އެހެނަސް ކަކުލަށް އަނިޔާވެފައިވާކަމަށް ބުނެ ބޭލް ވަނީ ތަމްރީނުތަކާ ގުޅެން ދެކޮޅު ހަދާފައެވެ. އެހެންކަމުން މިހާތަނަށް ވެސް ބޭލް ކުރިއަށް ގެންގޮސްފައިވަނީ އަނިޔާއިން ސަލާމަތްވެ ރަސްމީ ތަމްރީނުތަކާ ގުޅުމުގެ ކުރިން ޖިމްގައި ގެންދާ އިންޑިވިޖުއަލް ތަމްރީނުތަކެވެ. ރެއާލްގެ ކޯޗު ޒިދާންގެ އެއްވެސް ތަމްރީނު ސެޝަންއަކުން ބޭލް ނުފެނެއެވެ.
ގިނަ ކްލަބްތަކެކޭ އެއްގޮތަށް ރެއާލް އިން ވެސް ކުޅުންތެރިއަކު އަނިޔާގައި ހުންނަ ނަމަ އެ ވާހަކަ ރަސްމީކޮށް އާންމު ކުރެއެވެ. އެހެނަސް މީގެ ކުރިން ބޭލް އިންކާރު ކުރުމާ ގުޅިގެން މިހާރު ރެއާލްއިން އޭނާގެ މެޑިކަލް މަޢުލޫމާތު ހާމަނުކުރެއެވެ. އެހެންކަމުން ބޭލްގެ އަނިޔާގެ މާކަބޮޑު ތަފްޞީލުތަކެއް އަދި އެނގޭކަށް ނެތެވެ.
އަނެއްކޮޅުން ރެއާލްއިން މިހާރު ހުރިހާ ކަމެއް ވެސް ކުރަމުން ގެންދަނީ ބޭލްއާ ނުލައެވެ. ބޭލްއަކީ ނެތް މީހެއްކަމަށް ބަލައިގެންނެވެ. ރެއާލް މެޑްރިޑްގެ ކްލަބް ޝޮޕުން މިހާރު ބޭލްގެ ޖާޒީ ފެންނާކަށް ނެތެވެ. އެންމެ ކުރީ ސަފުން ފެންނަނީ ލޫކާ މޮޑްރިޗްގެ 10 ނަންބަރު ޖާޒީ އާއި މާސެލޯގެ 12 ނަންބަރު ޖާޒީއެވެ.
ރެއާލްއިން އާ ސީޒަންގައި ބޭނުންކުރާނެ ޖާޒީތައް ދައްކާލިއިރު، އަދި ޖާޒީ ޕްރޮމޯޓްކުރުމުގެ އެއްވެސް އިވެންޓަކުން، ފޮޓޯއަކުން ނުވަތަ ވީޑިޔޯއަކުން ވެސް ބޭލް ފެންނާކަށް ނެތެވެ. އާ ޖާޒީ ދައްކާލިއިރު ފުރަތަމަ ތިބީ ބެންޒެމާ، މާސެލޯ، ރާމޯސް އަދި އެސެންސިއޯ އެވެ.
ރެއާލްއިން ވަލްޑެބެބަސް ގައި އާ ސީޒަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދާއިރު އެ ކްލަބްގެ ރަސްމީ ވެބްސައިޓާއި މީސްމީޑިޔާ އެކައުންޓްތަކުން ކޮންމެ ދުވަހަކު ވެސް އަންނަނީ ގިނަ އަދަދެއްގެ ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރަމުންނެވެ. އެހެނަސް އެއިން އެއްވެސް ފޮޓޯއެއް ވީޑިޔޯއަކުން ވެސް ބޭލް ފެންނާކަށް ނެތެވެ. މިހާރު ވެސް ޖިމްގައި ވަކިން ތަމްރީނުތައް ގެންދާ ކުޅުންތެރިންގެ ފޮޓޯ އާއި ވީޑިޔޯ ވެސް ރެއާލް މެޑްރިޑުން އާންމުކުރަމުން ގެންދިޔަ ނަމަވެސް އެއިން މަންޒަރަކަށް ވެސް ބޭލް އަރާވަރެއް ނުވެއެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު އެނބުރި އައި ފަހުން މިހާތަނަށް ބޭލް ރެއާލް އިން ފެނުނު ހަމައެކަނި ގޮތަކީ ރެއާލްގެ އެހެން ބައެއް ކުޅުންތެރިން މީސްމީޑިޔާއަށް ލާ ބައެއް ފޮޓޯތަކާއި ވީޑިޔޯތަކުން ފަސްމަންޒަރުންނެވެ. އެވެސް ބޭލް އާއެކު ނަގާފައިވާ ފޮޓޯއެއް ނުވަތަ ވީޑިޔޯއެއް ވެސް ނޫނެވެ.
އެހެންކަމުން ރެއާލް މެޑްރިޑްއަށާއި އެ ކްލަބްގެ ކުޅުންތެރިންނަށް މިހާރު ބޭލް އަކީ އެ މީހުންގެ ތެރޭގައި އެނބުރޭ ނުފެންނަ ޖިންނި އެކެވެ. ޓްރާންސްފާ މާކެޓްގައި ބާކީ މިއޮތް 20 ދުވަސް ވާނީ ވަރަށް ވެސް ބޮޑު 20 ދުވަހަށް ތާއެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ބޭލްގެ އެޖެންޓް ޖޮނަތަން ބާނެޓަށް މި މައްސަލައަށް ހައްލެއް ހޯދޭތޯ ބަލަން ތިބެމާ ހިނގާށެވެ.
މަޢުލޫމާތު ނެގީ: މާސާ.ކޮމް އިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް