ޕްރިމިއާ ލީގް: ބްރައިޓަން އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބްރައިޓަން އަތުން ޗެލްސީ މޮޅުވެއްޖެއެވެ. ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ބްރައިޓަންގެ އަމިއްލަ ދަ...

15 Sep 2020 | 02:30

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބްރައިޓަން އަތުން ޗެލްސީ މޮޅުވެއްޖެއެވެ.

ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޗެލްސީންނެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޖޯގީނިއޯއެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީއާ އަލަށް ގުޅުނު ފޯވާޑް ޓިމޯ ވާނައަށް ބްރައިޓަންގެ ގޯލްކީޕަރު މަތިއު ރަޔަން ކުރި ފައުލަކާއި ގުޅިގެން ރެފުރީން ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެ ޗެލްސީން ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ބްރައިޓަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެއޮނާޑޯ ޓްރޮސާޑެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސް ކާމިޔާބުކުރި ރީތި ލަނޑުން އެޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. އަދި މެޗުގައި ޗެލްސީން ލީޑު ފުޅާކުރީ 66 ވަނަ މިނެޓުގައި ޖޭމްސް ނަގައިދިން ކޯނަރުން ކާޓް ޒޫމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިފަހަރުގެ އައު ސީޒަނާ ޗެލްސީން ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އައު ސީޒަނަށް ޗެލްސީން އެޓީމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފައި ވާއިރު، ރޭގެ މެޗުގައި މި ހުރިހާ ކުޅުންތެރިންވެސް ކުޅެފައިވެއެވެ. ނަމަވެސް މި މެޗުގައި ޗެލްސީއާ އަލަށް ގެނައި ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ މޮޅުވިއިރު، ލީގުގައި ދެން ޗެލްސީ ނުކުންނާނީ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ. އަދި ބްރައިޓަން ނިކުންނާނީ ރަށުން ބޭރުގައި ނިއުކާސަލް އާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް