މަންމަގެ ގާތިލުން ކަމުގައިވި ދެބެންއަށް މަރުގެ ހުކުމް އިއްވައިފި

2016 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި، އެ އަންހެން މީހާގެ ދެ ދަރިންގެ މައްޗަށް އިއްޔެ މަރުގެ ހުކުމް އިއްވައިފިއެވެ. ސައޫދީގެ ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފ...

15 Sep 2020 | 01:16

2016 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި، އެ އަންހެން މީހާގެ ދެ ދަރިންގެ މައްޗަށް އިއްޔެ މަރުގެ ހުކުމް އިއްވައިފިއެވެ.

ސައޫދީގެ ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ އުމުރުން 20 އަހަރުގެ އެއްމާބަނޑު ދެބެންގެ މައްޗަށެވެ.

މި ދެބެންނަކީ އައިއެސް ޖަމާއަތާއި ގުޅުން އޮންނަ ދެބެން ކަމުގައި ބުނެފައިވެއެވެ.

ރަހުމްކުޑަ އެ ހަމަލާގައި އެ ދެބެންގެ، އުމުރުން 67 އަހަރުގެ މަންމަ މަރުވެފައިވާއިރު މަރުގެ އެ ހަމަލާ އެ ދެބެންގެ ބައްޕައާއި އެއްބަނޑު އެއްބަފާ ބޭބެއަށްވެސް އަމާޒު ކުރިއެވެ. ނަމަވެސް އެ ހަމަލާއިން އެ ދެބެންގެ ބައްޕައާއި ބޭބެ ސަލާމަތް ވިއެވެ.

މި ދެބެންގެ މި ރަހުމްކުޑަ އަމަލު ޔޫޓިއުބަށްވެސް އަޕްލޯޑް ކުރިއެވެ. އަދި އެއަށްފަހު މި ދެބެން ވަނީ ފިލާފައެވެ.

ފިލައިގެން އުޅެނިކޮށް އަތުލައިގެން ޝަރީއަތް ހިންގާ މިހާރު މަރުގެ ހުކުމް އިއްވާފައިވާއިރު 2016 ވަނަ އަހަރު ހިނގި މި ހާދިސާ ވެގެންދިޔައީ އެމީހުންގެ އަވަށްޓެރިންނަށް ބިރުވެރިކަމާ ހައިރާންކަން ގެނުވި ކަމަކަށެވެ.

އެގޮތުން އަވަށްޓެރިންނާ ހަވާލާދީ ސައޫދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ދެބެންނަކީ ގަވާއިދުން ނަމާދަށްވެސް ދިޔަ ދެބެންނެއް ނޫނެވެ. ނަމަވެސް އެ ދެބެންގެ މަރުގެ ހަމަލާ އަމާޒުވި އެ ދެބެންގެ ބައްޕައަކީ ގަވާއިދުން، އަދި އެންމެ ކުރިން މިސްކިތަށް އަރާ އެކަކުކަން އަވަށްޓެރިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް