ކިރު ބުއިމުގައި އިންޑިއާއަށްވުރެވެސް ކުރީގައި ދިވެހިރާއްޖެ

މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ކިރު އުފައްދާ ގައުމަކީ އިންޑިއާއަށް ވީނަމަވެސް، އާބާދީގެ ނިސްބަތުން ކިރު ބުއިމުގައި ރާއްޖެ އިންޑިއާގެ މައްޗަށް ކުރި ހޯދައިފިއެވެ. ހިތާމަވެރި ކަމެއްގެ ގޮތުގައި މިކަނ...

15 Sep 2020 | 00:34

މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ކިރު އުފައްދާ ގައުމަކީ އިންޑިއާއަށް ވީނަމަވެސް، އާބާދީގެ ނިސްބަތުން ކިރު ބުއިމުގައި ރާއްޖެ އިންޑިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ހިތާމަވެރި ކަމެއްގެ ގޮތުގައި މިކަން ފާހަގަކޮށްފައިވަނީ އަވަށްޓެރި ބަންގްލަދޭޝް އިންނެވެ. ބަންގްލަދޭޝް އިން މިކަން ފާހަގަކޮށްފައިވަނީ އާބާދީގެ ނިސްބަތުން އެ ގައުމުގައި ކިރު ބޮވޭ ނިސްބަތް އިންތިހާއަށް ދަށްވުމުންނެވެ.

އެގޮތުން އެ ގައުމުން ފާހަގަކޮށްފައިވާގޮތުގައި 2005 އިން ފެށިގެން، އާބާދީގެ ނިސްބަތުން ކިރު ބޮވޭ ނިސްބަތް އެ ގައުމުގައި ދަނީ ދަށަށެވެ. މި އަހަރު އެ ނިސްބަތް ހުރީ އާބާދީގެ ނިސްބަތުން 9.97 ލިޓަރުގައިކަން އެ ގައުމުން ފާހަގަކުރެއެވެ.

ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާރ ސާވޭތަކާއި ހަވާލާދީ ބަންގްލަދޭޝް އިން ބުނެފައިވާގޮތުގައި މި ސަރަހައްދުގެ ގައުމުތަކާ އަޅާ ކިޔާއިރު ކިރު ބުއިމުގައި އެ ގައުމު އުޅެނީ އެންމެ ފަހަތުގައެވެ. މި ސަރަހައްދުން އެންމެ ކުރީގައި އުލެނީ ޕާކިސްތާނެވެ. އެއީ އާބާދީގެ ނިސްބަތުން 159 ލިޓަރެވެ. ނޭޕާލުގެ ނިސްބަތަކީ އާބާދީގެ ނިސްބަތުން 41 ލިޓަރެވެ. އަދި އިންޑިއާގައި އާބާދީގެ ނިސްބަތުން 68.7 ލިޓަރެވެ. ރާއްޖޭގެ ނިސްބަތަކީ އާބާދީގެ ނިސްބަތުން 79 ލިޓަރެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއިންވެސް އެންމެ ކުރީގައި އުޅެނީ ފިންލޭންޑެވެ. އެ ގައުމުގެ ނިސްބަތަކީ އާބާދީގެ ނިސްބަތުން 430.76 ލީޓަރެވެ.

ބަންގްލަދޭޝް އިން ހާމަކޮށްފައިވާގޮތުގައި ކިރަކީ އޭގައި ސިއްހީ އެތައް ފައިދާތަކެއް އެކުލެވޭ އިންސާނާ ހެދި ބޮޑުވުމަށް މުހިންމު އެތަކެއް މާއްދާއެއް އެކުލެވޭ ބުއިމެއް ކަމުގައިވާއިރު ބަންގްލަދޭޝްގައި ކިރު ބޮވޭ ނިސްބަތް އިންތިހާއަށް ދަށްވަމުންދާ ދިއުމަކީ އެ ގައުމުގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެކެވެ. އަދި ދުރާލާ ގިނަ މަސައްކަތްތަކެއް ކޮށްގެން އެ ގައުމުގެ މި ނިސްބަތް އިންތިހާއަށް މަތިކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް