އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަށް ލިބިއްޖެއެވެ.
ޔާގެން ކްލޮޕް މި މަގާމު ހޯދިއިރު، އޭނާ ވަނީ ލިވަޕޫލްއަށް 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދައިދީފައެވެ. ލިވަޕޫލް ލީގު ކާމިޔާބު ކުރިއިރު ހޯދި 99 ޕޮއިންޓަކީ އެ ކްލަބްގެ ތާރީޚްގައި ވެސް ރެކޯޑެކެވެ. އަނެއްކޮޅުން ލިވަޕޫލް އިން ސީޒަން ނިންމާލީ 2 ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށްވުރެ އިތުރަށް 18 ޕޮއިންޓް ހޯދައިގެންނެވެ.
މި ސީޒަންގައި ކްލޮޕްގެ ލިވަޕޫލް އިން ވަނީ ކުޅުނު ފުރަތަމަ 27 މެޗުން ބަލިނުވެ ރެކޯޑެއް ހަދާފައެވެ. އޭގެ ތެރެއިން 26 މެޗު ލިވަޕޫލް ކާމިޔާބު ކުރިއިރު، 7 މެޗު ބާކީ އޮއްވާ ލީގު ތަށި ކަށަވަރުކޮށް ލިވަޕޫލް އިން ވަނީ ޕްރިމިއާ ލީގުގެ ތައްޓެއް އެންމެ އަވަހަށް ކަށަވަރު ކުރި ކްލަބްގެ ރެކޯޑް ވެސް ގާއިމް ކޮށްފައެވެ.
ފާއިތު މަހުގެ ތެރޭގައި، ލީގު މެނޭޖަރސް އެސޯސިއޭޝަނުން ދޭ މެނޭޖަރ އޮފް ދަ ޔަރ އެވޯޑް ކްލޮޕް އަށް ލިބުނުއިރު، ޕްރިމިއާ ލީގުން ދޭ އެވޯޑް އޭނާ ހޯދާފައި މިވަނީ ފަރޭންކް ލަމްޕާޑް، ބްރެންޑަން ރޮޖާސް އަދި ކްރިސް ވިލްޑާ އާ ވާދަކޮށެވެ.
???? Congratulations to Jürgen Klopp The @LFC boss is your @BarclaysFooty Manager of the Season for 2019/20 #PLAwards pic.twitter.com/2rZyMpZfhV
— Premier League (@premierleague) August 15, 2020
ލިވަޕޫލް އިން ކާމިޔާބު ސީޒަނެއް ނިންމާލިއިރު، މި ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އެ ކްލަބްގެ ފުލްބެކް ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް އެވެ. އޭނާ އިތުރުން ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އަދި ސަޑިއޯ މާނޭ ވެސް ޕްރިމިއާ ލީގުގެ "ޕްލެޔަރ އޮފް ދަ ސީޒަން" އަށް ވާދަކުރެއެވެ.
މި ސީޒަންގައި ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް އިން ޕްރިމިއާ ލީގުގެ ތަށީގެ އިތުރަށް ޔުއެފާ ސްޕަރ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ ތަށި ވެސް ވަނީ އުފުލާލާފައެވެ. ލިވަޕޫލްއަކީ ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމު ވެސްމެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް