ރާއްޖެއަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދޭ ކޯޓާ އާ ކޮށްދީފިއެވެ.
މިކަން އަންގަވާފައިވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ދެބޭފުޅުން ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖެއަށް ބޭނުންވާ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާ އާ ކޮށްދީފައެވެ.
މިކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޯވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އާ ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައިވެސް އިންޑިއާ ސަރުކާރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
ކޯވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.
ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި، މުގު އަދި ހިލަ އާއި ހިލަވެލި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް