ކޯވިޑް-19 އާއި ގުޅިގެން ދަރިވަރުންގެ އުނގެނުމަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ޔުނިސެފާ ގުޅިގެން ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓްރީގެ ބޭފުޅުން މިއަދު ވަނީ ސީއެޗްއެސްއީގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާއި ބައްދަލުކޮށްފައެވެ.
އޮންލައިންކޮށް ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި ކޯވިޑް-19 އާއި ގުޅިގެން ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލާއި، އަދި އެކަމާ ގުޅިގެން ސްކޫލުތަކުން އަޅަމުންދާ ފިޔަވަޅުތަކާއިމެދު ދެކެނީ ކިހިނެއްތޯއާއި އަދި މީގެ އިތުރުން ދަރިވަރުންގެ ތައުލީމު މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެޅެންހުރި ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެއެވެ .
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ބައްދަލުވުންތަކުގައި، ބައިވެރިން ވަނީ އެ ގްރޫޕަކާ ގުޅޭގޮތަށް، ސްކޫލަށް ދިއުން މެދުކެނޑުމުން ދިމާވާ ލާރނިން ލޮސް ނުވަތަ އިލްމާއި ހުނަރު ގެއްލިގެން ދިއުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު ދީފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ސްކޫލުތަކުގައި ގާއިމްކުރެވިފައިހުރި ވަސީލަތްތަކާއި، އިންތިޒާމްތައް ބައްދަލވުމުގެ ބައިވެރިންނަށް ދައްކާލުވުނު ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ވަކިވަކނން ބޭއްވުނު މި ބައްދަލުވުންތަކުގައި ދަރިވަރުން، ބެލެނިވެރިން އަދި މުދައްރިސުން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށާއި މި ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތްކާ ބެހޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ޕެނެލަކުން ކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.
މިއަދު ފެށިގެންދިޔަ ބައްދަލުވުންތައް ހުރިހާ ސްކޫލއްގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ނިންމާފައިވެއެވެ. ސްކޫލުތައް ބަންދުވެ ގޭގައި ތިބުމުން ކުދިންނަށް ލިބޭ އިޖްތިމާއީ ގެއްލުމަކީ މިންކުރެވޭ ވަރަށްވުރެ ބޮޑު ގެއްލުމެއް ކަމަށާއި ކުދިން ސްކޫލަށް ނުގޮސް ގިނަ ދުވަހު ގޭގައި ތިބެންޖެހުމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖްތިމާއީ އަދި ތައުލީމީ ގޮތުން ކުރިއެރުމަށް ހުރަސް އެޅިގެންދާކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ތައުލީމަކީ ހަމައެކަނި ފޮތުގައި އޮންނަ ފިލާވަޅުގެ އިތުރުން ދަރިވަރުން އެކަކު އަނެކަކާއި ދެކެވޭ ވާހަކައިންނާއި ރަހުމަތްތެރިންނާއި، އެހެނިހެން ދޭދޭ ގުޅުމުގެ ތެރެއިން ދަސްކުރާ ކަންކަން ކަމަށެވެ. އިޖްތިމާއީ ހުނަރު އެންމެ ބޮޑަށް ކުދިން ދަސްކުރަނީ އެހެން ކުދިންނާއެކު ކަންކަމުގައި އުޅުމުގެ ތެރެއިން ކަމށްވާއިރު، ސްކޫލު މާހައުލުން ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ވީހާވެސް އަވަހަށް ހޯދައިދިނުމަކީ ދަރިންގެ މުސްތަގްބަލަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް