އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ދިން ލޯންތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ހިތްޕުޅުގައި އެތައް ސުވާލެއް އުފެދިއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އިންޑިއާއިން ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު އަދި މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން ބްރިޖު މަޝްރޫއަށް ދޭން ނިންމާފައިވާ ފައިސާގެ ތެރެއިން 400 މިލިއަން ޑޯލަރަކީ ލޯނު ކަމަށާއި ހިލޭ ދޭން ނިންމާފައިވަނީ 100 މިލިއަން ޑޮލަރު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިކަމާއި ގުޅިގެން އެތައް ސުވާލު މާކުތަކަކާއި އެކު ޑރ. ޖަމީލް ކުރެއްވި ޓުވީޓުތަކެއްގައި ސަރުކާރުން ނަގާ ލޯންތައް ދެއްކޭނެ މިންވަރުގެ އާމްދަނީއެއް ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެތޯ ސުވާލު ކުރައްވައިފައެވެ. ލޯން ނުދެއްކިއްޖެ ނަމަ، މިފަހަރު ވިއްކަން ހުށަހަޅާފައި ވަނީ ކޮން ރަށްތަކަކާއި ހަރުމުދަލެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.
https://twitter.com/MJameelAhmed/status/1294510564492943361
ޑރ. ޖަމީލް ކުރައްވާފައިވާ އިތުރު ސުވާލުތަކުގެ ތެރޭގައި ދަރަނިވެރިވެ، އެސެޓް ވިއްކައިގެން ވިޔަސް ކޮންމެހެން ބްރިޖު އެޅުން ވާޖިބުވީ ކީއްވެތޯ ހިމެނެ އެވެ. ކޮންމެ ފަހަރަކު މުސާރަ ދިނުމަށް ލޯން ނެގުން ނޫން ވިސްނުމެއް ނެތީތޯ ޑރ. ޖަމީލް ސުވާޅު ކުރައްވާފައިވެ އެވެ.
އައްޑޫ ގަން އިނގިރޭސިންނަށް ދިން ގޮތަށް ރާއްޖޭގެ ރަށްތައް ބޭރުގެ ބާރުތަކަށް ދޭން ފަށަނީތޯވެސް ސުވާލު ކުރައްވާފައިވެ އެވެ. މިއީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ބުނާއިރު ފޮރުވައިގެން ކަންކަން ނިންމަނީ ކީއްވެތޯ އޭނާ ސުވާލު ކުރައްވާފައިވެ އެވެ.
ޑރ. ޖަމީލް އިތުރުވަށް ވިދާޅުވެފައިވަނީ ދިވެހިންނަކީ ކޮންމެ ބައެއްގެ ވެސް އިހްސާންތެރިކަމަށް ޝުކުރުވެރިވާ ބައެއް ކަމަށެވެ. އެކަމަކު ކުރާ އެއްވެސް ކަމަކުން ގައުމުގެ މިނިވަން ގެއްލި އަޅުވެތި ވާން ޖެހުމަކީ ދިވެހިން ގަބޫލު ކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން ދަނީ ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގައި އިންޑިއާ އިސްކޮށް އެ ގައުމާއި އެކު ހާއްސަ ގުޅުމެއް ބާއްވަމުންނެވެ. މިކަމާއި އިދިކޮޅުން ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް