ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ރޭ ބަޔާން މިޔުނިކް އަތުން 8-2 ގެ ލަދުވެތި ނަތީޖާ އަކުން ބަލިވެ، ބާސެލޯނާއަށް ހުސް އަތާ (ޓްރޮފީ ލެސް) ސީޒަން ނިންމާލަން ޖެހިއްޖެއެވެ.
ފާއިތުވި ދެތިން ސީޒަންގައި ވެސް ހިތްދަތި ގޮތަކަށް ބާސެލޯނާއަށް ޗެމްޕިއަންސް ލީގުގެ ވަކި ހިސާބަކުން މުބާރާތާ ވަކިވާން ޖެހިގެން ދިޔައިރު، މި ސީޒަންގައި އެ ޓީމަށް ޗެމްޕިއަންސް ލީގުގެ މުހިންމުކަން އޮތީ ވަކީން ބޮޑަށް ބޮޑުވެފައެވެ. އެއީ ސްޕެނިޝް ލީގާއި، ސްޕަރކަޕް ގެ ތަށި ވެސް ވާދަވެރި ރެއާލް މެޑްރިޑުން ހޯދިއިރު، ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލާ ހިސާބުން މުބާރާތާ ވަކިވާން ޖެހި، ހުސްއަތާ ސީޒަން ނިންމާލަން ޖެހިދާނެކަމުގެ ބިރު ބޮޑުވެފައި އޮތުމުންނެވެ.
އެހެނަސް، ނަޕޯލީއާ ދެކޮޅަށް ކުޅުނު ރައުންޑް އޮފް 16 ގެ ދެ ވަނަ ލެގުގައި ބާސެލޯނާއިން ދެއްކި ކުޅުމާއެކު އެ ޓީމުގެ ކުޅުންތެރިންގެ މެދުގައި އުންމީދު އޮތީ ބޮޑުވެފައެވެ. ނަމަވެސް، ރޭގެ މެޗުގައި ބާސެލޯނާއަށް ކުރިމަތިވީ މިއިން ޒަމާނެއްގައި ވެސް ކުރިމަތި ނުވާފަދަ ލަދުވެތި ނަތީޖާއަކާއެވެ. 1946 ވަނަ އަހަރުގެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކްލަބަކުން ފުރަތަމަ ފަހަރަށް 8 ލަނޑު ޖެހިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ މެޗެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ ވެސްމެއެވެ.
8 - Bayern Munich are the first team to score eight goals in a Champions League knockout match. Endless. #UCL
— OptaJoe (@OptaJoe) August 14, 2020
ރޭގެ މެޗު ހުރިހާ ގޮތަކުން ވެސް ބަޔާން މިޔުނިކުން ޑޮމިނޭޓް ކުރިއިރު، ބާސެލޯނާގެ ގޯލްކީޕަރ ޓާ ސްޓެގަންގެ ފަރާތުން ބައެއް މޮޅު ސޭވްތައް ނުފެނުނު ނަމަ، ނަތީޖާ މިއަށްވުރެ ވެސް ތަފާތު ބޮޑުވީހެވެ.
ބާސެލޯނާގެ ގޯލަށް ލަނޑުތައް އޮހިގަތުމުގެ ކުރިން ބަޔާންއިން ފުރަތަމަ ލަނޑު ޖެހީ ތޯމަސް މުލާއެވެ. ޕެރިސިޗް ހުރަސްކޮށްލި ބޯޅައެއް ހިފައިގެން އަރާ މުލާ ގޯލަށް ބޯޅަ ފޮނުވާލީ ލެވަންޑޯސްކީއާއެކު އަވަސް ވަން-ޓޫ އެއް ކުޅުމަށްފަހުގައެވެ. ބަޔާންއިން ލަނޑެއް ޖެހިތާ މާކަ ގިނައިރުތަކެއްް ނުވެ ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްލެވުނީ ޖޯޑީ އަލްބާ ނަގައިދިން ހުރަހެއް ސާފުކޮށްލަން ޑޭވިޑް އަލަބާ ޖެހި ބޯޅަ ބައިކޮޅަށް ވަދެގެންނެވެ.
ނަތީޖާ ހަމަހަމަވުމަށްފަހު ލީޑު ނެގުމަށް ބާސެލޯނާގެ ލުއިސް ސުއަރޭޒްއަށް ލިބުނު ފުރުސަތުގައި ބަޔާންގެ ގޯލްކީޕަރ ނޯޔާގެ ހުށިޔާރުކަން ދައްކާލިއިރު، ލިއޮނަލް މެސީ ނަގައިދިން ކޯނަރު ޖަހަން އެރި ބާސެލޯނާގެ އެއްވެސް ކުޅުންތެރިއެއްގެ ބޮލުގައި ބޯޅަ ނުޖެހިގެން އަމާޒުވީ ގޯލު އަރިމަތީ ދަނޑިއަށެވެ.
ބަޔާން އިން ކުޅެމުން ދިޔަ ހައި ޕްރެސިން ގޭމާ ހެދި ބާސެލޯނާއަށް މުޅި މެޗުގައި ވެސް ސަލާމަތް ނުވެވިގެން އުޅުނުއިރު، ސާޖިއޯ ރޮބާޓޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އުފެއްދި އަވަސް ކައުންޓަރ އެޓޭކް އަކުން ޕެރިސިޗް ޖެހި ލަނޑާއެކު ބަޔާން އިން ދެ ވަނަ ފަހަރަށް ލީޑު ނެގިއެވެ.
ބަޔާންގެ 2 ވަނަ ލަނޑަށް ފަހު ބާސެލޯނާގެ ކުޅުން ދަށްވެ، ބަޔާންއިން ބޭނުން ގޮތަކަށް ކުޅެމުން ދިޔައިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު 2 ލަނޑު ޖަހާފައެވެ. އެ ދެ ލަނޑު ބަޔާންއަށް ޖަހައިދނީ ސާޖް ނަބްރީ އާއި ކިމިޗް އެވެ.
ދެ ވަނަ ހާފު ފެށިގެން ބާސެލޯނާއަށް އުންމީދެއް އާވީ، ލުއިސް ސުއަރޭޒްގެ އަމިއްލަ ހުނަރުވެރިކަމުން ޖަހައިދިން ހިތްގައިމު ލަނޑާއެކު ނަތީޖާ 4-2 އަށް ބަދަލުވުމުންނެވެ. އެހެނަސް، އިތުރު ލަނޑަކާއެކު ވެސް ބާސެލޯނާއަށް ކުޅުން ރަނގަޅު ނުކުރެވުނުއިރު، ބަޔާންއިން ގެންދިޔައީ ބާސެލޯނާގެ ޑިފެންސް ލައިން އިރާ ކުދި ކުރަމުންނެވެ.
އަލްފަންސޯ ޑެވީސް ދަނޑުގެ އަރިމަތިން ސެމެޑޫ ކައިރިން ބޯޅަ ނައްޓާލާފައި ބާސެލޯނާގެ އޭރިޔާ ތެރެއަށް ވަދެގަތީ ހިތްގައިމުކޮށެވެ. ބާސެލޯނާގެ ޑިފެންސް ހުއްޓުމަކަށް ގެނުވުމަށްފަހު ޑެވީސް ހުރަސްކޮށްލި ބޯޅަޔަށް ކިމިޗް އަރާ ބޯޅަ ގޯލަށް ފޮނުވާތީ އެއްބުރުންނެވެ. މިއާއެކު ބަޔާންއިން އަނެއްކާ ވެސް 3 ލަނޑުގެ ލީޑެއް ނެގިއިރު، ދެން ފެނިގެން ދިޔައީ ލަނޑަކަށްފަހު ލަނޑެއް ޖަހައި ބާސެލޯނާ އިތުރަށް ލަދުގަންނަވާލިތަނެވެ.
Unforgettable.#UCL pic.twitter.com/dyAL72TaVf
— UEFA Champions League (@ChampionsLeague) August 14, 2020
ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް، ބާސެލޯނާއިން ބަޔާންއަށް ލޯނަށް ދޫކޮށްފައިވާ ކުޓީނިއޯ ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ޖެހި ލަނޑާއެކު ބަޔާންއިން ނަތީޖާ 6-2 އަށް ބަދަލުކޮށްލިއެވެ. އޭގެ ފަހުން ކުޓީނިއޯ އިތުރު ދެ ލަނޑު ޖެހުން ވެގެން ދިޔައީ ބާސެލޯނާގެ ލޭ ހިނގަހިނގާ ހުރި ރޯ ފާރުގަނޑުގައި ލޮނު މިރުސް ޖެހުން ކަހަލަ ކަމަކަށެވެ.
ބާސެލޯނާގެ މި ހިތްދަތި ނަތީޖާއަށްފަހު އެ ކްލަބްގެ ޑިފެންޑަރ ޖެރާޑް ޕީކޭ ވަނީ ބާސެލޯނާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭކަމަށް ބުނެފައެވެ. އަދި އޭނާ ބާސެލޯނާ ދޫކޮށްދާން ޖެހިދާނެކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. އަނެއްކޮޅުން ބާސެލޯނާގެ ކޯޗު ސެޓިއެން މަގާމުން ވަކިކުރާނެކަމަށް ބެލެވޭއިރު، ކްލަބަށް ބޮޑެތި ބަދަލުތަކެއް ނުގެނެވޭނަމަ އެ ކްލަބްގެ ތަރި ލިއޮނަލް މެސީ ވެސް ކްލަބް ދޫކޮށްލަފާނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް