ބޭރަށް ފުރާ ދިވެހިންވެސް ކޯވިޑަށް ޓެސްޓު ކުރަން ފައިސާ ދައްކަން ޖެހޭނެ!

ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރަން ދިވެހިންވެސް ފައިސާ ދައްކަން ޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ ރާއްޖެއިން ބޭރަށް ފުރާ...

15 Aug 2020 | 11:10

ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރަން ދިވެހިންވެސް ފައިސާ ދައްކަން ޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ ރާއްޖެއިން ބޭރަށް ފުރާ މީހުން ކޯވިޑަށް ޓެސްޓު ކޮށްދޭނެ ފަސް ހޮސްޕިޓަލެއް ކަނޑައަޅައި އެ ހޮސްޕިޓަލް ތަކުން ސާމްޕަލްއެއް ޓެސްޓު ކޮށްދޭނެ އަގުތައް ހާމަކޮށްފައި އެވެ. އެ އަގުތަކަށް ބަލާއިރު އެންމެ ހެޔޮއަގެއްގައި ކޯވިޑް-19 އަށް ޓެސްޓުކޮށްދޭ އޭޑީކޭ ހޮސްޕިޓަލުންވެސް ޓެސްޓަކަށް 1،500 ނަގައެވެ.

މިކަމާއި ގުޅިގެން ގިނަ އާންމުން ވަނީ އެ ޓެސްޓު ކުރަން ދިވެހިން އަތުން ފައިސާ ނަގާތޯ ސުވާލުކޮށްފައި އެވެ. އަދި ދިވެހިން އަތުން އެހާ ބޮޑު އަގެއް ނަގާނަމަ އެއީ ހަމަ ޖެހޭ އުސޫލެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހިޔާލުފާޅު ކުރާ މީހުން ބުނަމުން ދަނީ މިފަދަ ކަންކަމުގައި އަގު ކަނޑައަޅާއިރު ދިވެހިންނާއި ބިދޭސީންނަށް ހިދުމަތް ދިނުމުގައި ތަފާތު އަގެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

އެކަމަކު އެޗްއީއޯސީން ބުނީ ކޯވިޑަށް ޓެސްޓުކޮށްދިނުމަށް ހޮސްޕިޓަލްތަކުން ކަނޑައަޅާފައިވާ އަގަކީ ބިދޭސީންނާއި ދިވެހިންނަށް ތަފާތު ކުރުމެއް ނެތި ކަނޑައަޅާފައިވާ އަގުތަކެއް ކަމަށެވެ. އަދި ދިވެހިންނަށްވެސް ޓެސްޓުކޮށްދޭނީ އެ އަގުގައި ކަމަށެވެ.

އެކަމަކު މީގެ ކުރިން ނެޝަނަލް ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރު ހިންގި އިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވާ ގޮތުގައި ކޯވިޑަށް ޓެސްޓު ކުރަން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ އެވެ. އަދި ދިވެހިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ބެލެވޭގޮތުގައި އޭރު ވިދާޅުވީ އާންމުކޮށް މަގުމަތިންނާއި ހޮސްޕިޓަލްގައި އެޑްމިޓް ކުރާ ފަރާތްތައް ކޯވިޑަށް ޓެސްޓު ކުރަން ފައިސާ ނުނަގާނެ ވާހަކަ އެވެ.

އެޗްޕީއޭއިން ބުނީ އައިޖިއެމްއެޗު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކޯވިޑް-19 އަށް ޓެސްޓެއް ކޮށްދޭނީ 1،534 ރުފިޔާއަށް ކަމަށެވެ. އޭޑީކޭއިން 1،500 އަށް ޓެސްޓެއް ކޮށްދޭއިރު ޓްރީ ޓޮޕް ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓެއް ކޮށްދެނީ 2،000 ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް