އަވައްޓެރި އިންޑިއާ އަކީ ދުނިޔޭގެ ސުލްހަ އާއި ޑިމޮކްރަސީއަށް އޮތް އުންމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންޑިއާ އިން ގެންގުޅޭ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކަކީ ދުނިޔޭގެ ހަމަޖެހުމަށާއި ކުރިއެރުމަށް ލިބޭ އުއްމީދެއް ކަމަށެވެ. ރައީސް ސޯލިހު ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ކޯވިދް އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރުހަބާ ވިދާޅުވެފައި އެވެ.
https://twitter.com/ibusolih/status/1294473338962804736
މި ސަރުކާރު ވެރިކަމަަށް އައި ފަހުން ރާއްޖެއާއި އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަކީ އިންޑިއާއެވެ. އަދި ސަރުކާރުންވެސް ދަނީ ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގައި އިންޑިއާ އިސް ކުރަމުންނެވެ.
ދެ ސަރުކާރުގެ ދެމެދުގައި ވާ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ދެ ގައުމުގެ ފޮރިން މިނިސްޓަރުން ފޯނު މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ރާއްޖެއަށް ގިނަ އެހީތަކެއް ދޭން އިންޑިއާއިން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކަށް ލޯނާއި ހިލޭ އެހީ ދީފައިވެ އެވެ.
މިއަދު ފާހަގަ ކުރަމުން ދަނީ އިންޑިއާގެ 74 ވަނަ މިނިވަން ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް