ކިއުބާގައި ކިޔަވަން ތިބި ދިވެހި ނުވަ ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
މިކަމަށް މަގިފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާކަމަށާއި ކެއަރޕެކޭޖް ފޮނުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއަރޒް މިނިސްޓްރީ އަދި އެމް.އޭ.ސީ.އެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިމަސައްކަތް ހިނގަމުން ދިޔަ ގޮތް ފޮރިން މިނިސްޓަރ ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާކަމަށާއި މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖްތައް ފޮނުވާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް