ހއ. ހޯރަފުށި އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ކަމުގައި އެމްޓީސީސީން ބުނެފިއެވެ.
މީގެ ތެރެއިން ކޮމްޕެކްޓަރ،ޑަބަލް ޑްރަމް އަދި އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި ކަމަށާއި މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކޮވިޑް19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް މި މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް އެބަދާކަމުގައިވެސް އެމްޓީސީސީން ބުނެއެވެ.
މި އެއާޕޯޓްގައި 1200 މީޓަރުގެ ރަންވޭއަކާއި 8635 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކޮޔާ މީޓަރުގެ ފަޔަރ އެކްސެސް މަގަކާއި އަދި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުން ހިމެނެއެވެ.
މި ޕްރޮޖެކްޓްގައި 842200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ނިންމާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި. އަދި 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ މަސައްކަތް މި އަހަރުގެ މާޗް މަހުގައި ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް