މެދު ރާއްޖެތެރޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 10:30 އިން މެންދުރު 1:30 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތެވެ. އާންމުކޮށް ނަގާ ރާޅުގައި2-4 ފޫޓު ހުންނާނެ ކަމަށް ލަފާ ކުރެ އެވެ.
މިއަދު މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެނީ ދެކުނުގެ އަތޮޅުތަކަށެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ދެކުނުގެ އަތޮޅުތަކަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް