ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށްދިނުމަށް "މާލްދީފް.ކޮމް" ލޯންޗްކޮށްފި

ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށްދިނުމަށް "މާލްދީފް.ކޮމް" (https://maaldif.com/) ލޯންޗްކޮށްފި އެވެ. މިވެބްސައިޓް ލޯންޗުކުރުމުގެ ހަފްލާގައި ފޭސްބުކް މެދުވެރިކޮން ކުރިއަށްގެންދިޔަ ލައިވްއ...

15 Jul 2020 | 13:47

ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށްދިނުމަށް "މާލްދީފް.ކޮމް" (https://maaldif.com/) ލޯންޗްކޮށްފި އެވެ.

މިވެބްސައިޓް ލޯންޗުކުރުމުގެ ހަފްލާގައި ފޭސްބުކް މެދުވެރިކޮން ކުރިއަށްގެންދިޔަ ލައިވްއެއްގައި އަރަބިބަހުން ވާހަކަފުޅު ދައްކަވަމުން މާލްދީފް ގްރޫޕް ގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިޔާގެ އެންމެހާ އެހެނިހެން ޕްލެޓްފޯތަކެއް ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށްކަމަށެވެ.

ތިޔަބޭފުޅުންގެ ދިވެހިރާއްޖެއަކީ ޤަދީމީ ޒަމާނުއްސުރެ ޢަރަބިންނާއި ވަރުގަދަ ދެމިގެންވާ ގުޅުމެއް ވާ ޤައުމެއް، މި ގުޅުމުގެ ވަރުގަދަ އަސަރު ދިވެހި ތާރީޚާއި ޘަޤާފަތުގައި ވަނީ ބިންވަޅު ނެގިފަ، ޢަރަބި ބަހަކީ ދިވެހި ބަހުގައި އެބަހެއްގެ އަސަރު އެންމެ ބޮޑަށް ހުރި އެއް ބަސް، ޢަރަބި ލިޔުންތެރިން ފާހަގަކޮށްފައިވާގޮތުން ދިވެހިރާއްޖެއަކީ ބިންމަތީގައިވާ ސުވަރުގެއެއް، އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ގޮނޑުދޮށްތަކުގެ ނަލަކަމާއި ރާއްޖޭގެ ރައްޔިތުންގެ ރިވެތި އަޚުލާޤުގެ ސަބަބުން

ޑރ ޝަހީމް ބުނެފައިވެއެވެ.

ސީދާ ޢަރަބި ބަހުން މި ޕްލެޓްފޯމްތައް އިފްތިތިޙާކުރުމަކީ މާލްދީފް ގްރޫޕަށް ލިބޭ ނުހަނު ބޮޑު އުފަލެއްކަން ފާހަގަ ކުރަމުން ޑރ ޝަހީމް ބުނެފައިވަނީ މިއީ ތާރީޚުގައި މިގޮތައް މިކަން ކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަ ކުރެއްވިއެވެ.

މިވެބްސައިޓުގެ މަޤުޞަދަކީ ޢަރަބި އެކުވެރިންނާ ހަމައަށް އަމިއްލަ ބަހުން ރާއްޖޭގެ ވާހަކަ ގެންގޮސް ދިނުންކަމަށާއި ރާއްޖެ ތަޢާރަފްކޮށް ރާއްޖޭގެ ތާރީޚައި ތަންތަނާއި ރަށްތަކާއި ރިޒޯތްތަކުގެ ވާހަކަ ކިޔައި ދިނުން ކަމުގައި ފާހަގަކުރިއެވެ. ައަދި މަސައްކަތްކުރަނީ ތިޔަ ބޭފުޅުން ރާއްޖެ އައުމުގެ މަގު ފަސޭހަކޮށްދީ އެކަމަށްޓަކައި ފާލަން އެޅުންކަމަށާއި އުންމީދަކީ އަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެވުން ކަމުގައި ފާހަގަ ކުރިއެވެ.

އެކުވެރި ޢަރަބީންނޭ! ތިޔަބޭފުޅުންނަށް ރާއްޖެ އެބަ ބެނުންވޭ، ރާއްޖޭގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ޓޫރިޒަމްގެ ޞިނާޢަތުގެ މައްޗަށް، ނަމަވެސް ކޮރޯނާގެ ސަބަބުން ޓޫރިޒަމްގެ ޞިނާޢަތަށް ގެއްލުންވެ ރާއްޖޭގެ އިޤުތިޞާދަށް މިވަނީ ގެއްލުންވެފަ، ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގެ ރައްޔިތުން ޢަޒުމް ކަނޑައެޅީ ރާއްޖެ އަލުން ކޮޅަށް ޖަހައި ރާއްޖޭގެ އިޤުތިޞާދު ބިނާކުރުން،

މާލްދީފް ގުރޫޕްއިން މި ޕްލެޓްފޯމްތައް އިފްތިތާޙުކުރީ މިކަމުގެ ސަބަބުން ވަޠަނީ މަސްއޫލިއްޔަތުގެ ދަށުން ޤައުމަށް އެހީވުމަށްކަމުގައި ބުނެފައިވެއެވެ.

މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ޢަރަބި ދުނިޔޭގެ ބޭފުޅުންގެ ލިޔުންތައްވެސް ހިމަނާފައިވާނެކަމަށާއި އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާ، މިސްރު، އަލް ޖަޒާއިރު، ސީރިޔާ ފަދަ ޤައުމުތަކުގެ ބޭޅުންގެ ލިޔުއްވުން މިހާރުވެސް ސައިޓްގައި ހިމެނިފައިވާނެކަމަށް މަޢުލޫމާތު ދީފައިވެއެވެ. މިއީ އެބޭފުޅުން ރާއްޖެ ވަޑައިގެން ކުރެވުނު ތަޖުރިބާ ޢަރަބި ބަހުން ލިޔެފައިވުމުން މިކަން ވެގެންދާނީ މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ވަރަށް މުހިންމު މަސައްކަތެއްކަން ޔަޤީނެވެ.

މާލްދީފް.ކޮމް ހިންގަމުން އަންނާނީ މާލްދީފް ގްރޫޕްއިންނެވެ. އެގުރޫޕްގެ ޗެއާރމަން އަކީ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، މެނޭޖނިންގ ޑިރެކްޓަރ އަކީ އަލީ އަހްސަން އަދި ޑިރެކްޓާރ އަކީ އިބްރާހިމް އަޝްވާގު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް