ޖީހާނަށް ގޯތި ދިނުމުގައި އޮޅުވާލާފައެއް ނުވާނެ، ދީފައިވާނީ ހައްގު ޕޮއިންޓު: ގަމު ކައުންސިލް

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހަމޫދަށް ލ. ގަމުން ގޯތި ދިނުމުގައި އަމަލު ކޮށްފައިވާނީ ގަވައިދާ އެއްގޮތަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. ރަށުގައި އުޅޭ މީހުންގެ ބައިން 10 ޕޮއިންޓު ދިނު...

15 Jun 2020 | 14:34

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހަމޫދަށް ލ. ގަމުން ގޯތި ދިނުމުގައި އަމަލު ކޮށްފައިވާނީ ގަވައިދާ އެއްގޮތަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރަށުގައި އުޅޭ މީހުންގެ ބައިން 10 ޕޮއިންޓު ދިނުމުން ޖީހާންއަށް ގޯތި ލިބިފައިވާ ކަމަށް ބުނެ އެ ރަށު ބަޔަކު ދަނީ މައްސަލަ ޖައްސަމުންނެވެ. އެހެންވެ ޖީހާން ވަނީ ބަޔަކު ސުވާލު އުފައްދާ ކަމެއްގައި ކުރިޔަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެ ލިބުނު ގޯތި ދޫކޮށްލައްވާފައި އެވެ.

ގަމު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަމުގައި ދިރިއުޅޭ ބައިން ޕޮއންޓު ދިނުމުގައި އަމަލުކޮށްފައިވާނީ އެ ކައުންސިލްގެ ގޯތި އިވެލުއޭޓް ކުރާ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ. އެގޮތުން ގޯއްޗަށް ކުރިމަތި ހުރިހާ އެންމެންނަށް އެބައިން 10 ޕޮއިންޓު ދީފައިވާނެ ކަމަށެވެ.

އެގޮތަށް ޕޮއިންޓު ދިނުމުގައި ބެލީ ރަށުން ބޭރު މީހެއް ނަމަވެސް، ގޯއްޗަށް އެދުނު މީހާ ރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅުމާއި ދެމަފިރިންގެ ދަރިން ގަމުގައި ރަށްވެހިވެފައިވުމެވެ. ޖީހާން ކައިވެނި ބައްލަވައިގެން އުޅުއްވަނީ ގަމު ރަށްވެއްސަކާއި އެެވެ. އަދި ދެމަފިރިންނަށް ލިބިފައިވާ ދެ ކުދިންގެ ރަޖިސްޓްރީވެސް އޮތީ ގަމުގައި އެވެ.

ޖީހާންއަށް ލިބިވަޑައިިގެންފައި ވަނީ 71 ޕޮއިންޓެވެ. ޖީހާން ވިދާޅުވީ ފޯމު ހުށަހެޅުއްވި އިރުވެސް، ގޯއްޗަށް ޝަރުތު ހަމަވާ ވަރަށް ޕޮއިންޓް ލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޖީހާން ވަނީ ގަމުން ގޯތި ހޯދުމުގައި އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ގަމުން މިފަހަރު ދޫކޮށްފައިވަނީ 400 ގޯއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް