ޕެންޝަންގެ ގޮތުގައި މުސާރައިން ކަނޑާ ބަޔާއި އެއާޕޯޓު ކައުންޓަރު ފީތައް ފަސްކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންއެދިއްޖެ އެވެ.
އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ވަޒިފާ ދޭ ފަރާތާއި މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އެ ޖަމިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ކުންފުނިތަކަށާއި މުވައްޒަފުންނަށް ލުއި ފަސޭހަވާނެ ގޮތްތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންނަ ކަމަށެވެ.
މަޓާޓޯއިން ބުނީ އެ މަސައްކަތުގެ ދަށުން ޕެންޝަނަށް ދައްކަންޖެހޭ ފައިސާ އާއި އެއާޕޯޓުގެ ކައުންޓަރުތަކުގެ ފީ އާއި އެހެން ޗާޖުތައް ވެސް ހަ މަހަށް ފަސްކޮށްދޭން ޕެންޝަން އޮފީހާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އެދިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕެންޝަން ފައިސާ އަކީ މުވައްޒަފުން ބޭނުން ކޮންމެ ގަޑިއަކު ނެގެން ހުންނަ އެއްޗެއް ނޫން ކަމަށެވެ. އެހެން ކަމުން މިފަދަ ދަނޑިވަޅެއްގައި ލިބޭ ކުޑަ މުސާރައިން ޕެންޝަނަކަށް ކެނޑުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ޓޫރިސްޓުން އައުން ހުއްޓި، ބުކިންތައް ކެންސަލްވެ، ޓޫރިޒަމް ދާއިރާއަށް ބޮޑު ގެއްލުންތަކާ ކުރިމަތިވަމުން ދާއިރު ކަމާބެހޭ އިދާރާތަކުގެ ފަރާތުން އެފަދަ ލުއިތަކެއް ނުލިބި، ވިޔަފާރިތައް ސަލާމަތް ނުކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ. އެއާޕޯޓު ކައުންޓަރު ފީތައް ފަސްކޮށްދޭން އެދުނީވެސް އެހެންވެ ކަމަށް ބުނެފައިވެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އެއްކޮށްހެން ހުއްޓިފައިވާއިރު އިގްތިސޯދަށް ދަނީ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. އެހެންވެ ސަރުކާރުން ދަނީ ވީހާވެސް އަވަހަކަށް ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވުމަށް ތައްޔާރުވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް