ސައުދީގައި ތިބި ދަރިވަރުން އެ ގައުމުގެ ހަރަދުގައި ރާއްޖެ ފޮނުވައިދެނީ!

ސައުދީ އަރަބިއްޔާގައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ އައުމަށް އެ ގައުމުގެ ސަރުކާރުން ހަރަދު ދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ފޮރިން މިނިސްޓްރީގައި ބުނީ ސައުދީގައި 150 އެއްހާ...

15 Jun 2020 | 09:08

ސައުދީ އަރަބިއްޔާގައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ އައުމަށް އެ ގައުމުގެ ސަރުކާރުން ހަރަދު ދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގައި ބުނީ ސައުދީގައި 150 އެއްހާ ދިވެހި ކިޔަވާ ކުދިން އެބަތިބި ކަމަށެވެ. ހުރިހާ ކުދިންހެން ކިޔަވަމުން ދަނީ މަދީނާ ސިޓީގެ މަދީނާ ޔުނިވާސިޓީގައި ކަމަށެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓާ މިއުވާން މުހައްމަދު ވިދާޅުވީ މަދީނާ ޔުނިވާސިޓީގައި ކިޔަވަމުންދާ ހުރިހާ ދިވެހި ދަރިވަރުންނަކީ ސައުދީ ސަރުކާރުގެ ސްކޮލާޝިޕްގައި އެ ގައުމުގައި ކިޔަވަމުންދާ ދަރިވަރުން ކަމަށެވެ. އެ ސްކޮލާޝިޕްގެ ދަށުން އަހަރަކު އެއްފަހަރު ރާއްޖެ އައުމަށް ދެކޮޅު ދަތުރު ޓިކެޓު ދިނުމަށް ހަަޖެހިފައި އޮންނަ ކަމަށެވެ.

އެހެންވެ ކޯވިޑާއި ގުޅިގެން ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުވެފައިވާ މި ދުވަސްވަރު ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ރާއްޖެ އައުމުގެ ހަރަދު ސައުދީ ސަރުކާރުން ދޭން ނިންމީ ކަމަށް މިއުވާން ވިދާޅުވި އެވެ. މިއުވާން ވިދާޅުވީ އެ ކުދިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންގެ ފްލައިޓެއްގައި ކަން ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެކަމަކު އެ ފްލައިޓު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު އަދި ނޭނގޭ ކަމަށެވެ.

ސައުދީގެ އިތުރުން ރަޝިޔާ، ޕާކިސްތާން، ތައިލެންޑު، އިންޑިއާ އަދި ނޭޕާލްގައި ތިބި ދިވެހިން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވި އެވެ. އެ އެންމެންވެސް އަންނާނީ އަމިއްލަ ހަރަދުގައި ޓިކެޓު ނަގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް