މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމެން އުޅެނިކޮށް ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ދުނިޔެއަށް މުޅިން އާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޯވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް 100 ދުވަސް ވީއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދިޔަ މި ބަލި ރާއްޖެއިން ފެނުނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. ޅ. ކުރެއްދޫ އައިލެންޑު ރިސޯޓަށް އިޓަލީން އައި ޓޫރިސްޓަކު ޗުއްޓީ ނިންމާފައި ދިޔަ ފަހު ކޯވިޑަށް ޕޮސިޓިވްވިކަން އެންގުމުން ބެލި ބެލުމުން އޭނާ ގައިން ވަނީ ރިސޯޓުގެ ބިދޭސީ ފަސް މުވައްޒަފަކަށް ބަލި ޖެހިފައި އެވެ.
އޭގެ ފަހުން ބަލި ފެންނަމުން ދިޔައީ ރާއްޖޭގެ އެކި ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޓޫރިސްޓުންގެ ގައިންނެވެ. މާޗް މަހުގެ ފަހުކޮޅު ރާއްޖެއިން ބޭރުން އައި ދިވެއްސެއްގެ ގައިން ކޯވިޑް-19 ފުރަތަމަ ފަހަރަށް ފެނިފައިވެ އެވެ. އޭނާ ބައްޔަށް ޕޮސިޓިވްވިކަން އެނގުނު އިރު ހުރީ ކަރަންޓީން ފެސިލިޓީގައި އެވެ.
އޭރުވެސް އާންމުންގެ މެދުގައި ބަލި ފެތުރިދާނެ ކަމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން މާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިއުން އޮތީ މަނާ ކުރެވިފައި އެވެ.
މާލެއިން ފުރަތަމަ ފަހަރަށް ބަލި ފެނިފައިވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް 2،000 އަށްވިރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި މާލެއިން ބަލި ފެނުނު ފަހުން އަށް މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
އެކަމަކު 100 ދުވަސް ތެރޭގައި ރާއްޖެއިން މި ބަލި ގާތްގަނޑަކަށް ކޮންޓްރޯލް ކޮށްފި އެވެ. މާލެ ފުރަ ބަންދުގައި އޮންނަތާ ދެ މަސް ފަހުން މިއަދު ހުއްދައަކާއި ނުލައި ގިނަ އިރުތަކެއް ވަންދެން ބޭރަށް ނުކުމެ އުޅެވޭގޮތަށް ހުޅުވާލި އިރު އާންމުން ވަނީ ބައްޔަށް ވަރަށް ބޮޑަށް ލޯ ހުޅުވިފައި އެވެ.
މިދިޔަ މުއްދަތުގައި ސިއްހީ ތަޖުރިބާ ކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ. ސަރުކާރުން ވަނީ ހަރުދާ ފިޔަވަޅުތަކެއް އަޅާފައި އެވެ.
ފަރުވާއެއް ހޯދިފައިނުވާ ދުނިޔެއަށް އާ މިފަދަ ބަލިތަކާއި ކުރިމަތިލާން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެވެ. މީހުން ކަރަންޓީން ކުރުމާއި ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ތަންތަނުގައި އުޅޭ މީހުން އެހެން ތަންތަނަށް ބަދަލު ކުރުމާއި ކޯވިޑަށް ޓެސްޓު ކުރާ މީހުންގެ އަދަދު އިތުރު ކުރި އެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތަށް އިއްޔެ ނިޔަލަށް ރާއްޖޭގައި 34،677 ސާމްޕަލެއް ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވެ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ އާބާދީއަށް ބަލައި އެންމެ ގިނަ ބަޔަކު ޓެސްޓު ކޮށްފައިވަނީ ރާއްޖޭގައި އެވެ.
މިހާތަނަށް ޖުމްލަ 2،035 މީހަކު ޕޮސިޓިވްވެފައިވާއިރު 1،311 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އެއް ދުވަހުން އަނެއް ދުވަހަށް ބަލި ޖެހޭ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައި އެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ 18-39 އަހަރާއި ދެމެދުގެ މީހުންނެވެ. އާންމުކޮށް އެ އުމުރުގެ މީހުންނަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ މީހުންނަށް ވާތީ މި ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖޭގައި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނީވެސް ވަރަށް މަދު ބަޔަކަކަށެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންނަށް ބަލީގެ މާބޮޑު އަސަރެއް ނުކުރެ އެވެ.
މި ބަލީގައި ސީރިއަސް ހާލަތަކަށް ދަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
މިއަދުން ފެށިގެން މާލެ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއް އާންމު ހާލަތަށް ގެނެސްފައިވާއިރު މާލެވެސް އާންމު ހާލަތަކަށް ބަދަލުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްވުމުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމީ ސިއްހީ ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ކަމަށް ބުނެ އެވެ.
އެގޮތުން ކޯވިޑަށް ފަރުވާދިނުމަށް ހާއްސަ 300 މީހުންގެ ޖާގައިގެ ފެސިލިޓީއެއް ހުޅުމާލޭގައި ވަނީ އަޅާފައި އެވެ. 10 ދުވަސް ތެރޭގައި މާލޭގެ އިތުރުން ކުޅުދުއްފުށީ ސިޓީ އާއި އައްޑޫ ސިޓީގައި ކޯވިޑަށް ޓެސްޓު ކުރަން ފަށާނެ އެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މި ބައްޔަކީ ވެކްސިނެއް ލިބިގެން ނޫނީ އެއްކޮށް ކޮންޓްރޯލް ކުރެވޭނެ ބައްޔަކަށް ނުވާތީ އާންމުކޮށް ހުޅުވާލާފައި އޮތަސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި އެކު އާންމު މަގުމައްޗަށް ނުކުމެ ބަލި ނުޖެހި ސަލާމަތްވާނެ ކަމަށެވެ.
މަގުމަތީގައި އުޅެންވާނީ މާސްކު އަޅައިގެން އިޖްތިމާއީ ގައިދުރު ކަމުގައި އެވެ. ކޮންމެ މީހަކާއިވެސް ތިން ފޫޓުގެ ދުރުމިން ބެހެއްޓޭތޯ މަސައްކަތް ކުރަން ޖެހެ އެވެ. މި ބަލީގައި ސީރިަސްވާ މީހުންނަށް ބަލި ގެންދާ ބަޔަކަށް މަގުމައްޗަށް ނުކުންނަ މީހުން ވެގެން ނުވާނެ އެވެ.
ރާއްޖެއިން ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުން ކޮށްދެމުންދާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާ ކުރަންޖެހެ އެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ވަރުގަދަ ފިޔަވަޅުތާއި ބޮޑެތި ދަތިތައް ކުރިމަތިވެ ދެ މަހެއްހާ ދުވަހުގައި ބަންދެއްގައި ތިބެން ޖެހުނުކަމުގައި ވިޔަސް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރަން ޖެހެ އެވެ.
ރާއްޖެ އާންމު ހާލަތާއި ދިމާއަށް މިސްރާބު ޖަހާގައިވާއިރު އެންމެ އިސްކަމެއް ދޭން ޖެހެނީ ރައްކާތެރި ކަމަށެވެ. ދެވަނަ ރާޅެއް އަތުވެދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް