ލޮކްޑައުންގެ ލުއިތަކާއި އެކު ޖޫރިމަނާކޮށް ހައްޔަރު ކުރުން ހުއްޓާލައިފި

މާލޭ ސިޓީގެ ލޮކްޑައުނާއި ހިލާފުވެގެން ހައްޔަރު ކުރުމާއި ޖޫރިމަނާ ކުރުން ހުއްޓާލައިފި އެވެ. އޭޕްރިލް15 ވަނަ ދުވަހު އިއުލާނު ކުރި މާލޭ ސިޓީގެ ލޮކްޑައުނާއި އެކު ގަވައިދާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީ...

15 Jun 2020 | 06:46

މާލޭ ސިޓީގެ ލޮކްޑައުނާއި ހިލާފުވެގެން ހައްޔަރު ކުރުމާއި ޖޫރިމަނާ ކުރުން ހުއްޓާލައިފި އެވެ.

އޭޕްރިލް15 ވަނަ ދުވަހު އިއުލާނު ކުރި މާލޭ ސިޓީގެ ލޮކްޑައުނާއި އެކު ގަވައިދާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުން ފުރަތަމަ ފަހަރު ޖޫރިމަނާ ކުރެ އެވެ. އެކަން ތަކުރާރު ކުރާނަމަ ހައްޔަރު ކުރެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއަދުން ފެށިގެން ގަވައިދާ ހިލާފުވިޔަސް ޖޫރިމަނާ ކުރުމާއި ހައްޔަރު ކުރުން ނިމުމަކަށް އައީ ކަމަށެވެ. އޭގެ ބަދަލުގައި ފުލުހުން ދޭނީ ނަސޭހަތް ކަމަށާއި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން ބަލާނީ އާންމުން އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް އަމަލު ކުރޭތޯ ކަމަށެވެ.

އެގޮތުން ތިން މީހުންނަށް ވުރެ ގިނައިން އެއްކޮށް އުޅޭނަމަ ނަސޭހަތް ދީ، ގިނަ ބަޔަކު އެއްތަނަކަށް އެއް ނުވުމަށް ބާރު އަޅާނެ ކަމަށެވެ. ނަވީން ވިދާޅުވީ ވައިރަސް އިން ރައްކާތެރިވުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރައްވާ އިޖުތިމާއީ ގައިދުރު ކަމާއި އެކު މަގުމަތީގައި އުޅުމަށް ފުލުހުން ނަސޭހަތް ދޭނެ ކަމަށެވެ.

ބޭރަށް ނުކުތުން މަނާ ގަޑީގައި ނުކުމެ އުޅޭނަމަ ނަސޭހަތް ދީ ގެއަށް ފޮނުވާލާނެ ކަމަށް ވިދާޅުވި އެވެ.

މާލެއިން ކޯވިޑް-19 ގެ ކޭސްތައް މަދުވެ ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާތީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ފަތިހު5:00 ން ރޭގަނޑު10:00 އަށް ބޭރަށް އާންމުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައި އެވެ. އެކަމަކު ތިން މީހުންނަށް ވުރެ ގިނައިން އެއްކޮށް ނޫޅުމަށް އިލްތިމާސް ކޮށްފައި ވެ އެވެ.

މާލޭގެ ލޮކްޑައުންގެ މުއްދަތުގައި ނުވަ ހާހަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވެ އެވެ. ޖޫރިމަނާ ކުރަނީ1،000 ރުފިޔާ އިންނެވެ. ފުލުހުން ބުނީ އެ މުއްދަތުގައި ޖޫރިމަނާކޮށްފައިވާ މީހުންގެ ފައިސާ މައާފުކޮށްދިނުމަށް ފުލުހުން ތާއީދު ކުރާނެ ކަމެއް ނޫންކަމަށެވެ.

އެ މުއްދަތުގައި600 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ދައުވާކޮށްދިނުމަށް މިހާރު ވަނީ ފޮނުވާފައި ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް