ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިއްޔެ މަގުމަތިން އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި ކަމަށް ވިދާޅުވި މައްސަލައިގަ ވަހީދު އިތުރުފުޅު ހެއްދެވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
ވައްޑެގެ ހުށަހެޅުއްވި ކުއްލި މައްސަލައިގަ ބުނެފައިވަނީ ޑރ. ވަހީދަށް އިއްޔެ މީހަކު ހަމަލާ ދިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ކަމަށެވެ. ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއް ހާމަ ކުރުމުގެ ގޮތުން ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ ދޮގު ބުހުތާނެއް ކަމަށެވެ.
އަދި ރައިސް ވަހީދަށް ފުރައްސާރަ ކުރި ކަމަށް ބުނާ އެމްޑީޕީގެ އެކްޓިވިސްޓު ޖައުފަރާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ ޒާތީގޮތުން ޖައްސާލައިގެން ކަމަށް ވައްޑެ ވިދާޅުވި އެވެ. ޖައުފަރަކީ އަކީ އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގައި ވެއްޓުމުން ޖެހިގެން އައި ދުވަހު ކުރި މުޒާހަރާ އާއި އެ ނޫން ވެސް ގޮތް ގޮތުން އަނިޔާ ލިބިފައިވާ މީހެއް ކަމަށާއި އޭނާއާ ދެކޮޅަށް ވަހީދު ހުށަހެޅުއްވި މައްސަލަ އަކީ ނުހައްގުން ދޭ "އަނިޔާއެއް" ކަމަށެވެ.
އެ މައްސަލަ ވަނީ މަޖިލީހަށް ބަލައިގެންފައި އެވެ.
ވައްޑެ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ކަމަށެވެ. މީގެ އިތުރުން ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ވެރިކަން ވައްޓާލައި ބަގާވާތަކުން ކަމަށްވާތީ މި މައްސަލަ ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި އެކަމަށް އިންސާފު ހޯދައި ދިނުންވެސް ހިމެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް