ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އާންމުންނާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ސަމާލުވެ ތައްޔާރީ ހާލަތުގައި ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.
ރާއްޖެއަށް މޫސުން ގޯސްވެ މިއަދު ވަނީ ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓު ނެރެފައިވެ އެވެ.55 މޭލަށް މިއަދު ވައިގަދަވެފައިވާއިރު ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގޭގޭގެ ފުރާޅު އެއްލާލުމާއި ގަސް ވެއްޓުމުގެ އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.
ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީގެ ސީނިއާ ޕްރޮގްރާމް އޮފިސަރު ފަރޫޝަ އަލީ މީޑިއާގައި ވިދާޅުވީ މި ވިއްސާރައިގަ ރަށްރަށަށް ގެއްލުން ލިބިގެން އުތުރާއި ދެކުނުން ރިޕޯޓު ކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން އުތުރުގެ ރަށްތަކުން ރިޕޯޓު ކުރަމުންދަނީ ގަސް ވެއްޓުމާއި ގޭގޭގެ ފުރާލު އެއްލާލުމުގެ ހާދިސާތަށް މެދުވެރި ވެގެން ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުންވެސް ރިޕޯޓު ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން އައްޑޫ ސިޓީން އެކަނި އިއްޔެގެ ވިއްސާރައިގަ95 ގެއަކަށް ގެއްލުން ވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސިޓީގައި ގޭގެއަށް ފެންވަދެ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފަރޫޝާ ވިދާޅުވީ އެ ރަށްރަށުގެ ގޭގެއަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓު ހެދުމަށް ކައުންސިލްތަކާއި ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ފަރީޝާ ވިދާޅުވީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މޫސުން ގޯސްވެ ބޮޑު ބަޔަކަށް ލެޔޯ އެލާޓު ނެރެމުންދާއިރު އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރުމުގެ ގޮތުން އާންމު ރައްޔިތުން ތައްޔާރީ ހާލާތުގައި ތިބެން ޖެހޭ ކަމަށެވެ. އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމާއި ފެން ވަދެއްޖެ ނަމަ ގެއްލުން ލިބޭ ހިސާބުގައި ހުރި އިލެކްޓްރޯނިކް ސާމާނު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދޭ މައުލޫމާތަށް ހާއްސަ ސަމާލުކަމެއް ދީގެން ރައްކާތެރިވެ ތިބުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް