ކޯވިޑް-19: މި މަހުގެ 28 އާއި ހަމައަށް ސަރުކާރު ބަންދު

ކޯވިޑް-19 މި ހާލަތުގައި، މި މަހުގެ 28 އާއި ހަމައަށް ސަރުކާރު ބަންދު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަ...

15 May 2020 | 14:17

ކޯވިޑް-19 މި ހާލަތުގައި، މި މަހުގެ 28 އާއި ހަމައަށް ސަރުކާރު ބަންދު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، 2020 މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށާއި މިގޮތަށް ހަމަޖެއްސެވިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 15 ވަނަ ނަންބަރު ދެންނެވުމުގައި ކަމަށެވެ.

މީގެ އިތުރަށް ކޮވިޑް-19 އާ ގުޅިގެން، އަޅުއްވަންޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމުގައްޔާއި، ރައްޔިތުންނަށް ދެއްވަން ޖެހިވަޑައިގަންނަވާ އަސާސީ ޚިދުމަތްތައް ދެއްވުމުގައި، 2020 އެޕްރީލް 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ މިއަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުމަށާއި، 2020 އެޕްރީލް 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ މިއަހަރުގެ 12 ވަނަ ނަންބަރު ދެންވެމުގައިވާ ގޮތުގެމަތިން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައި ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައިވާކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް