ނަހުލާ ރިސޯޓަށް ވަޑައިގެންނެވީ އޯނަރުންނަށް ލިބޭ ހުއްދައިގެ ދަށުން!

މާލޭ ސިޓީ ލޮކްޑައުންގައި ވަނިކޮށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ރިސޯޓަށް ވަޑައިގެންނެވީ އޯނަރުންނަށް ރިސޯޓުތަަކަށް ދިއުމަށް ދޫކުރާ ހުއްދައިގެ ދަށުން ކަމަށް ނެޝަނަލް އެމަޖެންސީ ސެންޓަރުން ބުނ...

15 May 2020 | 01:52

މާލޭ ސިޓީ ލޮކްޑައުންގައި ވަނިކޮށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ރިސޯޓަށް ވަޑައިގެންނެވީ އޯނަރުންނަށް ރިސޯޓުތަަކަށް ދިއުމަށް ދޫކުރާ ހުއްދައިގެ ދަށުން ކަމަށް ނެޝަނަލް އެމަޖެންސީ ސެންޓަރުން ބުނެފި އެވެ.

ލޮކްޑައުން ކުރިފަހުން މިނިސްޓަރު ނަހުލާ ރިސޯޓަށް ވަޑައިގެންނެވީ ކޮން ނުފޫޒެއްގެ ދަށުންތޯ ބަލަން ޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަަދައްކަމުންނެވެ. ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމްއާއި ކައިވެނި ބައްލައިގެން އުޅުއްވާ މިނިސްޓަރު ނަހުލާ ރިސޯޓަށް ވަޑައިގެންނެވި ދުވަހެއް ނޭނގެ އެވެ. ގާސިމްގެ ފަސް ރިސޯޓެއް ރާއްޖޭގައި އޮވެ އެވެ. އޭގެ ތެރެއިން މިނިސްޓަރު ވަޑައިގެންނެވީ ކޮން ރިސޯޓަކަށް ކަމެއް ނޭނގެ އެވެ.

ކޯވިޑް-19 ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިނިސްޓަރު ރިސޯޓަށް ވަޑައިގެންނެވީ އޯނަރުންނަށް ދޫކުރާ ހުއްދައިގެ ދަށުން އޮންނަ އުސޫލުން ހުއްދަ ހޯދައިގެން ކަމަށެވެ. އެކަމަނާ އާއި އެކު ފަސް މީހަކަށް އެ ރިސޯޓަށް ދިއުމުގެ ހުއްދަ ދިން ކަމަށް ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި އެއީ ގާސިމް އާއި އައިޝާގެ ފަސް ކުދިންނެވެ.

މަބްރޫކް ވިދާޅުވީ މިނިސްޓަރު ނަހުލާއަށް އެ ހުއްދަ ދޫކޮށްފައިވަނީ އެހެން ރިސޯޓު އޯނަރުންނަށް ދޫކުރާ އެފަދަ ހުއްދަ ތަކުގައި އަމަލު ކުރާގޮތަށެވެ. އެއީ އަމިއްލަ ރިސޯޓުގައި ހުންނެވި ނަމަވެސް14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމާއި އެކު ހިދުމަތްދޭން ތިބޭ މުވައްޒަފުންނަކީ ވަކި ބަޔަކަށްވެ، ވީހާވެސް މަދު ބަޔަކު ބޭނުން ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ރިސޯޓު އޯނަރުންނަށް ރިސޯޓުތަކަށް ދިއުމުގެ ހުއްދަ އާއި ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނީ މިދިޔަ ހަފްތާގައި އެވެ. އެ ހުއްދައިގެ ދަށުން ރާއްޖޭގައި ރިސޯޓު ހިންގާ ދުނިޔޭގެ ފެންވަރުގެ ކުންފުނިތަކުގެ ވެރިން ދަނީ އަމިއްލަ ޖެޓުގައި ރާއްޖެ އަންނަމުންނެވެ.

އެންއީއޯސީން ބުނީ އެ ފަދަ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީގައި ތިބުމުގެ ބަދަލުގައި އެމީހުންގެ ރިސޯޓުތަކުގައި ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު އެމީހުންނަށް ރާއްޖެ ލޮކްޑައުންގައި ވަނިކޮށް އެއް ރަށުން އަނެއް ރަށަށް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ވެރިން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު މިނިސްޓަރުންވެސް ދަނީ އަމަލީގޮތުން މައްސަލަތައް ހައްލު ކުރުމުގައި ބައިވެރިވެވަޑައިގެންނަވަމުންނެވެ. އެގޮތުން އެ މިނިސްޓްރީގެ ދާއިރާ އާއި ގުޅުން ހުރި ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާއި ގުޅޭގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި އެކި މިނިސްޓަރުން ގެންދަވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކޮށް ހައްލު ހޯދަމުންނެވެ.

އެކަމަކު މިފަދަ ކަމެއްގައި މިނިސްޓަރު ނަހުލާގެ ބައިވެރިވުމެއް މިހާތަނަށް އާންމުންނަށް ފެނިފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް