ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހުމަދުވެސް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ސީޕީ ހަމީދު ކޯވިޑަށް ޕޮސިޓިވްވިކަން ހާމަ ކުރެއްވީ މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ވަނީ ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވަން ޖެހެނީ ކޯވިޑަށް ޕޮސިޓިވްވެފައިވާތީ ހޯމް އައިސޮލޭޝަންގައި ހުންނަވައިގެން ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން މިއަދުގެ ވަގުތެއްގައި އަނބިކަނބަލުން ނަޒީހާއަށްވެސް ކޯވިޑް ޖެހިފައިވާކަން އާއިލާއިން މީޑިއާގައި ހާމަކޮށްފައިވެ އެވެ. ނަޒީހާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުގެ ކޮއްކޮއެވެ.
ބެލެވޭގޮތުގައި ކޯވިޑަށް ޕޮސިޓިވްވަމުންދަނީ އެ އާއިލާގެ މެމްބަރުންނެވެ. މިރޭ ރައީސް އޮފީހުން ވަނީ މެޑަމް ފަޒްނާ ކޯވިޑަށް ޕޮސިޓިވްވެފައިވާކަން ހާމަކޮށްފަ އެވެ.
އެކަމަކު ރައީސް ސޯލިހާއި މެޑަމް ފަޒްނާގެ ދެ ބޭފުޅުން ކޯވިޑަށް ނެގެޓިވް ވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން ބޭފުޅުން ކޯވިޑަށް ޕޮސިޓިވްވި ނަމަވެސް ސިއްހީ ހާލުކޮޅު ރަނގަޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް