ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ވުމުން ރަށްރަށަށް ދަތުރުކުރެވޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށް ހުއްދަ ނެތި އަތޮޅުތެރެއަށް ދަތުރު ކުރުން މަނާ ކުރިތާ މިއަދަށް އަހަރެއްވީ އެވެ. މިހާރު އަތޮޅުތެރެއަށް ދާންޖެހެނީ10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރާގޮތަށް އެޗްޕީއޭގެ ހުއްދަ އާއި އެކު އެވެ.
ރައީސް މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެންމެންވެސް ތިބީ އާންމު ދިރިއުޅުމަށް ބަދަލުވުމަށް ކެތް މަދުވެފައި ކަމަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ވުމުން އަތޮޅު ތެރެއަށް ކަރަންޓީން ވުމާއި ނުލައި ދަތުރު ކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/ibusolih/status/1382729072145362944
ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރިއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އޭރު ދެމުން ދިޔަ ކޮވިޝީލްޑް ވެކްސިން ޖަހަން ފެށިތާ އަށް ހަފްތާވެގެން އެ ވެކްސިންގެ ދެވަނަ ޑޯޒު ދޭންފެށީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
އެޗްޕީއޭގެ ތަފާސް ހިސާޞު ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖޭގައި 28،950 މީހަކު މިހާތަނަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް