ފައިޒާ ވެކްސިން ޖަހަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ގަޑިއަށް އެޕޮއިންޓްމެންޓަށް ދާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ފައިޒާ ވެކްސިން ޖަހައިދެނީ އުމުރުން 16 އަހަރުން މަތީގެ ކުދިންނާއި މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. ފައިޒާ ވެކްސިން ޖަހައިދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ޖަހަން ދޫކޮށްފައިވާ އެޕޮއިންޓްމަންޓަށް ނުދާ ނަމަ، ވެކްސިން އުކާލަން ޖެހޭ ކަމަށެވެ. އެއީ އެ ވެކްސިން ރައްކާކޮށްފައި ހުންނަ ފުޅިއެއް ހުޅުވާތާ ހަ ގަޑިއިރު ތެރޭގައި ބޭނުން ކުރަން ޖެހޭތީ ކަމަށެވެ.
އެ އެޖެންސީން ބުނީ ހަމަޖައްސާފައިވާ ގަޑިއަށް ވެކްސިން ޖަހަން ނުދިއުމުން ވެކްސިން ޑޯސް އިސްރާފުވެ، މި ވެކްސިން ޖެހޭ މީހުންގެ އަދަދު މަދުވަމުންދާ ކަމަށެވެ.
ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިިގްރީގައި ކަމަށް ވާތީ އެ ވެކްސިން ޖަހާނީ މާލޭ ސަރަހައްދުގައި އެކަންޏެވެ. މި ވެކްސިން ޖަހައިދެނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ރަޖިސްޓްރީވާ މީހުންނަށެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒް އެވެ.
ފައިޒާ ވެކްސިން ޖަހައިދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް