ފިތުރު ޒަކާތް އޮންލައިންކޮށް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަނީ ބަލައިގެންނަމުންނެވެ. މާލޭގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮތީ އޮންލައިންކޮށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ގޮތަށް ހަމަޖައްސާފައިވަނިކޮށް ބައެއް މީހުން މިނިސްޓްރީއަށް ޒަކާތް ދެއްކުމަށް ދާ ކަމަށެވެ. މިނިސްޓްރީގައި ޒަކާތް ބަލައިގަތުމަށް ބެހެއްޓިފައިވާނީ އެންމެ ކައުންޓަރެއް ކަމަށާއި އެއީ ހަމައެކަނި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް ހިދުމަތްދޭ ކައުންޓަރެއް ކަމަށް ބުނެފައިވެއެވެ.
އަތޮޅު ތެރޭގައި ޒަކާތް ބަލައިގަތުމުގެ ކަންކަން ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ކުރިޔަށް ގެންދާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައި އެވެ. ހުރިހާ ރަށެއްގައިހެން މިދިޔަ އަހަރާއި މިއަހަރު ޒަކާތް ބަލައިގެންނަމުން ދަނީ ކައުންސިލްއިން ކަނޑައަޅާ ނަމްބަރަކަށް އޮންލައިންކޮށް ފައިސާ ފޮނުވައިގެންނެވެ.
މާލޭގައި އޮންލަައިންކޮށް ޒަކާތް ބަލައިގެންނަމުންދަނީ ދިރާގު ވެބްސައިޓު، ދިރާގު، އުރީދޫ، ބީއެމްއެލް، އެމްއައިބީ އަދި ފަހިޕޭ މެދުވެރިކޮށެވެ.
ޒަކާތުގެ ގޮތުގައި ފައިސާ ދައްކަން ޖެހެނީ:
އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ
ރަތް ހަނޑޫ: 78 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 65ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 59 ރުފިޔާ އެވެ.
މިއަހަރު ފިތުރު ޒަކާތް ބަލައިގެންނަމުން ދަނީ އެ ރަށެއްގައި ބަނޑު ކެއުމެއްގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމަށް ވާ އަގެވެ.
ޒަކާތް ދެއްކޭނެ އެންމެ ފަހު ދުވަހަކީ ރޯދަ މަހުގެ 29 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް