މިހާރު އަޅުގަނޑުމްނެ ގުނަމުން މިގެންދަނީ 1442 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކެވެ. ރަމަޟާން މަހުގެ ދުވަސްތަށް ގުނަމުން ގެންދާއިރު، އަޅުގަނޑުމްނެ އެމައްސަރު ހެޔޮގިތުގައި ވޭތުކުރުމަށް ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި ނަމޫނާގައި ގިފަހައްޓަން އެބަޖެހެއެވެ.
ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަކީ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރިހަމަ ނަމޫނާ އެވެ. ރަމަޟާން މަސް އައުމުން ހަދީސްކުރެއްވި އެވެ. "ބަރަކާތްތެރި ރަމަޟާން މަސް ތިޔަބައި މީހުންނާ ބައްދަލުކޮށްފި އެވެ. ﷲ ތިޔަބައި މީހުންގެ މައްޗަށް އެ މަހުގައި ރޯދަ ފަރުޟު ކުރެއްވި އެވެ. އެ މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެ އެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވޭނެ އެވެ. އަދި ޝައިޠާނުންގެ މާރިދުން ކަސްތޮޅު އެޅުވޭނެ އެވެ. އެ މަހުގައި އެއް ހާސް މަހަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަން ގެއްލިއްޖެ މީހަކަށް ހެޔޮކަން ގެއްލިއްޖެ އެވެ."
ރޯދައިގެ އަޅުކަން ކުރާނެ ގޮތުގެ އިރުޝާދުތައް އެކަލޭގެފާނު ވަނީ ދެއްވަވާފައެވެ. މިގޮތުން ރޯދައަށް ހުރުމަށްޓަކައި ފަޖުރުލުމުގެ ކުރިން ނިޔަތް ނުގަންނަ ނަމަ އެ މީހަކަށް ރޯދަ ނުލިބޭނެކަން ބަޔާންކުރެއްވި އެވެ. ހާރު ކެއުމަށް ބާރު އެޅުއްވި އެވެ. އަދި ހާރުކެއުން ފަސްކުރުމަށާއި ރޯދަވީއްލުން އަވަސް ކުރުމަށް ނަޞޭޙަތް ދެއްވި އެވެ. ރޯދަވީއްލުމުގައި ކަދުރުން ނުވަތަ އެހެންވެސް މޭވާ އަކުން ނުވަތަ ފެނުން ރޯދަ ވީއްލުމަށް ހިތްވަރު ދެއްވި އެވެ. މިކަންކަމަށް ވުރެ ބޮޑަށް ރޯދައަށް ހުންނަ މީހާގެ ކިބައިގައި ރިވެތި އަޚްލާޤު ހަރުލެއްވުމަށް އެކަލޭގެފާނު ވަރަށް ބޮޑަށް ސަމާލުވެވަޑައިގަތެވެ.
މިގޮތުން އެކަލޭގެފާނު ފާހަގަކުރެއްވި އެއް ކަމަކީ ދޮގުހެދުމާއި އެއާ އެއްގޮތަށް ޢަމަލުކުރުން ހުއްޓުވުމެވެ. އެކަލޭގެފާނު ސިފަކުރައްވާ ގޮތުގައި މިކަން ހުއްޓާ ނުލެވޭ މީހާ ރޯދައަށޭ ކިޔާފައި ކެއިންބުއިން ދޫކޮށްލުމަކީ ﷲ ގެ ޙަޟްރަތުގައި ބޭކާރު ކަމެކެވެ. ދެން އިރުޝާދު ދެއްވީ ރޯދައަށް ހުންނަ ދުވަހު ހަޑިހުތުރު އެއްވެސް ޢަމަލެއް ނުކުރުމަށާއި އެފަދަ ބަހެއް ވެސް ނުބުނުމަށާއި އަޑުގަދަކޮށް ހަޅޭއްލަވާ ނުހެދުމަށެވެ. އެހެން މީހަކު އެފަދަ ކަމެއް ކުރާ ހާލުގައި ވެސް ބަދަލުގައި ތިމާ އެފަދަ ކަމެއް ނުކުރުމަށެވެ. އޭގެ ބަދަލުގައި "ހަމަކަށަވަރުން ތިމަން މިހުރީ ރޯދަ އަށޭ"، ބުނުމަށެވެ.
ރޯދައިގެ މާއްދީ ރުކުންތައް މީހަކު ފުރިހަމަ ކުރި ނަމަވެސް މިފަދަ އަޚްލާޤު އެމީހެއްގެ ކިބައިން ނުފެންނަ ނަމަ ރޯދައިގެ ސަވާބު ނުލިބޭނެކަން ބަޔާން ކުރެއްވުމަށްޓަކައި އެކަލޭގެފާނު ހަދީސް ކުރެއްވީ "ބައެއް ރޯދަވެރިންނަށް އެމީހުންގެ ރޯދައިން ބަނޑުހައިވުމާއި ކަރުހިއްކުން ނޫން ކަމެއް ނުލިބޭނެ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް