އަވައްޓެރިންނަކީ ތިމާ އުޅޭ ގޭގެ ކައިރީގައި ވަށައިގެން ހުންނަ ގޭގޭގެ މީހުންނެވެ. ޝައްކެއްނެތްގޮތުގައި އެންމެ ޚާއްޞަ އަވައްޓެރިންނަށްވާނީ މިމާނައިގައި އެބުނާ މީހުންނެވެ. އެހެންނަމަވެސް އަވައްޓެރިންނޭ ބުނެވޭ ބަހުގެ މާނަ މިއަށްވުރެ މާފުޅާވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އަވައްޓެރިންގެތެރޭގައި މުސްލިމުންނާއި، ޣައިރު މުސްލިމުންނާއި، އަޅުވެރިންނާއި، ފާސިޤުންނާއި، ރަޙުމަތްތެރިންނާއި، އަދާވާތްތެރިންނާއި، ދޭސީންނާއި، ބިދޭސީންނާއި، ތިމާއަށް ހެޔޮކޮށް ކަންތައްކޮށްދޭމީހުންނާއި އަދި އިހާނެތިކޮށް ކަންތައްކުރާމީހުންވެސް ހިމެނެއެވެ. އަވައްޓެރިޔާގެ ކިބައިގައި ހުރި ސިފައަކަށް ބެލުމެއްނެތި، މިކޮންމެ ފަރާތަކާމެދުގައިވެސް ހެޔޮކޮށް ކަންތައްކުރަންޖެހޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން އަވަށްޓެރިންނަށް ކަމޭހިތާ އެބައިމީހުންގެ ހައްގުތަކާމެދު ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަރަށް ޚާއްޞަ ދަރަޖައެއް ދެއްވަވާފައިވެއެވެ. ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެ އެއްކައުވަންތަކުރުމަށް އަމުރުކުރެއްވުމާއެކު، ހެޔޮކޮށް ހިތަންޖެހޭ ފަރާތްތަކެއް ބަޔާންކުރެއްވި ބަސްފުޅުގައި، ގާތުގައިވާ އަވައްޓެރިޔާއާއި ދުރުގައިވާ އަވައްޓެރިޔާ ހިމެނެއެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާމީހަކުނަމަ، އޭނާގެ އަވައްޓެރިޔާއަށް އުނދަގޫނުކުރުމަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވެއެވެ.
އަވައްޓެރިޔާގެ ހައްގުތައް އަދާކޮށް އޭނާއަށް ކަމޭހިތުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން؛ އަތުން ނުވަތަ ދުލުންވިޔަސް އަވައްޓެރިޔާއަށް އެއްވެސް ކަހަލަ ގެއްލުމެއް ދީގެންނުވާނެއެވެ. ހަދީސްގައި އައިސްފައިވެއެވެ. "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ފަހެ، އޭނާގެ އަވައްޓެރިޔާއަށް ގޯނާނުކުރާހުށިކަމެވެ. (ނުވަތަ އޭނާއާމެދު އިހާނެތިކޮށް ކަންތައްނުކުރާހުށިކަމެވެ.)"[رواه البخارى ومسلم]
އެހެން ހަދީސެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ﷲ ގަންދީ ވިދާޅުވަމެވެ. އޭނާ އީމާނެއްނުވެއެވެ. ﷲ ގަންދީ ވިދާޅުވަމެވެ. އޭނާ އީމާނެއްނުވެއެވެ." މިފަދައިން ދެފަހަރު ހަދީސްކުރެއްވުމުން އެކަލޭގެފާނުގެ އަރިހުގައި ސުވާލުދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކާކުތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެމީހަކީ އޭނާގެ އެންމެހައި ކަންތައްތަކުން އޭނާގެ އަވައްޓެރިޔާއަށް އަމާންކަން ލިބިގެންނުވާމީހާއެވެ."[متفق عليه]
ހުރިހާގޮތަކުންވެސް ތިމާގެ އަވައްޓެރިޔާއާމެދު ރަނގަޅަށް ކަންތައްތައްކޮށްދޭންވާނެއެވެ. ހެޔޮކަމެއްގައި އަވައްޓެރިޔާ އެހީތެރިކަމަށް އެދެފިނަމަ ތިމާއަށްވީ އެންމެ ފުރިހަމަގޮތެއްގައި އޭނާއަށް އެހީތެރިވެދޭންވާނެއެވެ. އަވައްޓެރިޔާ ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތްކުރަންވާނެއެވެ. އަދި އޭނާއަށް ޝިފާދެއްވުންއެދި ދުޢާކޮށްދޭންވާނެއެވެ. އޭނާއަށް އުފަލެއް ލިބިއްޖެނަމަ އޭނާއަށް މަރުހަބާކިޔައި އޭނާގެ އެއުފަލުގައި ބައިވެރިވާންވާނެއެވެ. ހަމައެފަދައިން އޭނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ ތަޢުޒިޔާކިޔާ އޭނާގެ ހިތާމައިގާ ބައިވެރިވާންވާނެއެވެ. އަވައްޓެރިޔާއާ ބައްދަލުވުމުން އޭނާއަށް އެންމެ ފުރަތަމަ ސަލާމްކުރާމީހަކީ ތިމާކަމުގައިވާންވާނެއެވެ.
އަވައްޓެރިޔާއަށް އެހީތެރިވުމުގެތެރޭގައި، އޭނާއަށް ކުރެވޭ ކުށްތައް ފާހަގަކޮށްދީ އެކަންކަން ރަނގަޅުކޮށް އެކަންކަމުން ދުރުވުމަށް، ރިވެތިވެގެންވާގޮތުގައި އޭނާއަށް ނަސޭހަތްތެރިވެދިނުންހިމެނެއެވެ. އެހެންނަމަވެސް އެއްވެސް ހާލެއްގައި އަވައްޓެރިޔާގެ އަމިއްލަ ކަންތައްތަކާ ބެހި އޭނާގެ ފަތިފުށް ހޯދައި އެވާހަތައް މީސްތަކުންނަށް ހާމަކޮށް، މީސްތަކުންގެމެދުގައި އޭނާ ފަޟީޙަތްކޮށްގެންނުވާނެއެވެ.
ބަޔާންވެދިޔަ ހައްގުތަކާއި އަދަބުތަކަކީ އާންމުގޮތެއްގައި އެއްމުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކޮށްދޭންޖެހޭ ކަންތައްތަކެކެވެ. އެހެންނަމަވެސް މިހައްގުތަކާއި އަދަބުތަކަކީ އަވައްޓެރީންނަށްޓަކައި ޚާއްޞަ ކަންތައްތަކެއްކަމުގައި އިސްލާމްދީންވަނީ ކަނޑައަޅުއްވާފައެވެ. ވުމާއެކު ކޮންމެމީހަކުވެސް އޭނާގެ އަވައްޓެރިޔާއާމެދު ކަންތައްތައް ކުރެވޭގޮތާމެދު ވިސްނައި ގޯސްކޮށްކުރެވޭ ކަމެއްވާނަމަ ލަސްނުކޮށް އެކަން އިސްލާހުކޮށްލުން ބުއްދިވެރިއެވެ.
ނޯޓް: މިލިޔުމަށް މައުލޫމާތު ނަގާފައިވަނީ ރާއްޖޭގެ ބައެއް އިލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް