މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކަށް ބާރުބޮޑުވެ ކޯވިޑް-19 ވެކްސިން ޖަހަިއދޭ ވަގުތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިތުރު ކޮށްފި އެވެ.
ރޯދަ މަހު ވެކްސިން ޖަހައިދެމުން ދަނީ ރޭގަނޑު އެކަންޏެވެ. އެއީ ކޮނމެ ރެއަކު 9:00 ން 11:00 އަށެވެ.
އެޗްޕީއޭއިން ބުނީ ގިނަ ބަޔަކު ވެކްސިން ޖަހަން ދާތީ ވެކްސިން ސެންޓަރުތަކަށް ބާރު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ ވެކްސިން ޖަހައިދޭ ވަގުތު މިއަދުން ފެށިގެން އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭއިން މިހާރު ހަމަޖައްސާފައިވަނީ ރޭގަނޑު 9:00 ން 11:45 އަށެވެ. މިގަޑިތަކުގައި ދޭނީ އާންމުކޮށް ހުޅުވާލައިގެން ދޭ ވެކްސިންތައް ކަމަށްވާ ކޮވިޝީލްޑްގެ ދެވަނަ ޑޯޑާޒާއި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒެވެ.
ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެމުންދާނީ ހަމައެކަނި ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެވެ. މި ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދޭކަށް އަދި ނުފަށައެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދެމުންދާނީ، ހުޅުމާލޭ ވެކްސިން ސެންޓަރު، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް، ސޯޝަލް ސެންޓަރު، ރައްޔިތުންގެ މަޖިލީސް އަދި ނެޝަނަލް އާޓް ގެލަރީގެ އިތުރުން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި އެވެ. އެއީ ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފްތާވެފައިވާ މީހުންނަށެވެ.
އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާ ފަރާތްތަކުން ބައްޔަކަށް ފަރުވާ ހޯދަމުން ދާނަމަ އެކަން އަންގައިދޭ ލިޔުންތަކާއި، އައިޑީކާޑުގެ އިތުރުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހާ ފަރާތްތަކުން ވެކްސިން ކާޑު ގެންދިއުމަށް އިލްތިމާސް ކޮށްފަ އެވެ.
ދެން ރާއްޖޭގައި ދެމުންދާ ފައިޒާ ވެކްސިން އަކީ އާންމުކޮށް ހުޅުވާލައިގެން ޖަހައިދޭ ވެކްސިނެއް ނޫނެވެ. އެ ވެކްސިން ދެމުންދަނީ އެޕޮއިންޓްމެންޓު އުސޫލުން ބޮޑެތި ބަލިތައް ހުންނަ 16 އަހަރުން މަތީގެ ކުޑަކުދިންނަށާއި މީހުންނެވެ.
ފައިޒާ ވެކްސިން ޖަހަައިދެނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ. ވެކްސިން ޖަހަން ދާން ޖެހެނީ އެޗްޕީއޭއިން ގުޅައި ދާން ޖެހޭ ގަޑި އަންގާ ފަރާތްތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް