ޒިކުރާ މިސްކިތް ހުރި ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތް އެޅޭނެ: މިނިސްޓަރު

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތް އެޅޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. އެ ބިމުގައި ރޯދަ މަހާއި ދިމާކޮށް ވަގުތީ މިސްކިތެއް އަޅައިދޭނެ ފ...

15 Apr 2021 | 06:21

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތް އެޅޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

އެ ބިމުގައި ރޯދަ މަހާއި ދިމާކޮށް ވަގުތީ މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިއޮތީ ދެ ދުވަހެވެ.

އެކަމަކު ރޯދަ މަސް ފެށުން އިރުވެސް ވަގުތީ މިސްކިތް އެޅިފައި ނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.

މިނިސްޓަރު ޑރ. ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަރަށް އަވަހަށް ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތް އަޅަން ފެށޭނެ ކަމަށެވެ. އަދި މަސައްކަތް ނިންމައި ނަމާދު ކުރަން ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އެ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަ ގޮތް ބައްލަވާލެއްވުމަށް ބައެއް ދީނީ އިލްމުވެރިންނާއި އެކު ޒިކުރާ މިސްކިތް ހުރި ތަނަށް ވަޑައިގެންނެވި ކަމަށެވެ. މިނިސްޓަރުގެ ޓުވީޓުގައި ވަނީ ޝެއިހް އަލީ ޒައިދު އާއި އެކު ޒިކުރާ މިސްކިތް ސާފު ކުރާ ސަރަހައްދުގައި ހުންނެވި ފޮޓޯއެއް އާންމު ކުރައްވާފަ އެވެ.

https://twitter.com/AhmedZahirAli/status/1382392057675751424

ކުރީގެ ޒިކުރާ މިސްކިތް ތަޅާލައި އާ މިސްކިތެއް އެޅުމަށް ނިންމީ 2015 ވަނަ އަހަރު އެވެ. މިސްކިތް ތަޅާލިތާ ގިނަދުވަސްތަކެއްވެފައިވާއިރު އިމާރާތް ކުރަން ނުފަށާ އޮތުމުން މިސްކިތު ގޯތި ތެރެއަށް ކުނި އެޅުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި10 ބުރީގެ މިސްކިތެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ އެސްޖޭ ކޮންސްޓްރަކްޝަނާއި އެވެ. އެކަމަކު އެ އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެއްބަސްވުން ވަނީ ބާތިލް ކޮށްފައި އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ރޭވި 130 މިލިއަން ރުފިޔާގެ މަޝްރޫއުގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ އެސްޖޭ އަށް ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް