ހުޅުމާލެ މާސްޓަރ ޕްލޭންއަށް އެމެރިކާގެ އެވޯޑެއް ލިބިއްޖެ

ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާޢީގޮތުންނާއި އުމްރާނީގޮތުންވެސް މީހުން...

15 Apr 2021 | 06:06

ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާޢީގޮތުންނާއި އުމްރާނީގޮތުންވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓަރ ޕްލޭންއެއް އެކުލަވާލައިގެން ތަރައްޤީކުރަމުން އަންނަ ރަށެކެވެ.

މި މަޝްރޫޢުއަށް ވަނީ ބައިނަލްއަޤުވާމީ ގޮތުން ގިނަ އިނާމްތަކެއް ލިބިފައެވެ. މިގޮތުން ބައިނަލްއަޤުވާމީ އަރކިޓެކްޗަރ އެވޯޑް ޕްރޮގްރާމެއްކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް (އޭ.އެމް.ޕީ) ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗަރ ދާއިރާއިން ދެމުން ގެންދާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒްގެ ހޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަރ / އަރބަން ޕްލޭނިންގެ އެވޯޑް ވަނީ ހުޅުމާލެ މާސްޓަރ ޕްލޭންއަށް ލިބިފައެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަރ އަދި އަރބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ.

މިގޮތުން ހުޅުމާލޭގެ މާސްޓަރ ޕްލޭންއަށް ހޮނަރަރީ އެވޯޑު އެރުވުމާއި ގުޅިގެން އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކުރައްވާފައެވެ.

ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްޤީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ޙިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެޗް.ޑީ.ސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި ކުންފުނީގެ 20 އަހަރުގެ ތާރީޙުގައި ލިބިފައި ތަޖުރިބާގެ އަލީގައި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ "ބިޔޯންޑް ހުޅުމާލެ"ގެ ނަމުގައި ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި މި ފުރުޞަތުގައި ފާހަގަކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް