ކުރުވާހަކަ: ލޯތްބަކީ....

ލިޔުނީ: އައްޒަ މުހައްމަދު ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލާންޗް ތެރޭގައި އަހަރެން އިނީ މޭނުބައިކޮށް ބޯއަނބުރާގޮތްވެފައެވެ. ކަނޑު ދަތުރުކުރަންޏާ އެއީ އަހަރެންގެ ހާލަތެވެ. ކަ...

15 Apr 2021 | 04:55

ލިޔުނީ: އައްޒަ މުހައްމަދު

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލާންޗް ތެރޭގައި އަހަރެން އިނީ މޭނުބައިކޮށް ބޯއަނބުރާގޮތްވެފައެވެ. ކަނޑު ދަތުރުކުރަންޏާ އެއީ އަހަރެންގެ ހާލަތެވެ. ކައިރީގައި އޮތް ފޯނަށް ފިރިމީހާ ބާސިލް ގުޅަމުން ދިޔައެވެ. އެހެންނަމަވެސް އެ ކޯލަށް ޖަވާބުދޭނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަނގަ ހުޅުވާލުމާއެކު ނިކުންނާނީ ހޮޑެވެ. އަހަރެން އެއްވެސް މީހަކާ ވާހަކަނުދައްކާ އިނީ އެހެންވެއެވެ. އޭނަ އެހާވަރެއް ގުޅާނީ އަހަރެންގެ ހާލަތު ހުންނާނެ ގޮތް އިނގޭތީ އެކަމާއި ކަންބޮޑުވެގެންކަން އަަހަންނަށް އެނގެއެވެ. ކައިވެންޏަށްފަހު އޭނައާއި ވަކިން ކުރާ ފުރަތަމަ ދަތުރަށް ވުމާއި ވެސް އެކުގައެވެ.

ހދ އަތޮޅު ކުޅުދުއްފުއްޓަށް އަހަރެން ދަތުރުކުރަމުން ދިޔައީ ދުވަސްވީ ގާތް އެކުވެރި ނަދާ އެރަށު ހޮސްޕިޓަލުގައި ވިހައިގެން އޮތުމުންނެެވެ. އަހަރެންނާއި އެކު ބާސިލް އަންނަށް ބޭނުންވި ނަމަވެސް ވިޔަފާރި ދަތުރެއްގައި ކުއްލި ގޮތަކަށް އަތޮޅުތެރެއަށް ފުރަން ޖެހުމުން އޭނައަށް އާދެވޭ ގޮތް ނުވީއެވެ. ނަމަވެސް އަަހަރެން ބަލައި އަންނާނެ ވާހަކަ ބާސިލް އޮތީ  ބުނެފައެވެ.

ކުޅުދުއްފުށީގައި ފަސްގަނޑުގައި ދެފައި ޖެހުމާއި އެކު އެންމެ ފުރަތަމަވެސް އަހަރެން ގުޅީ ބާސިލަށެވެ. އެއަށްފަހު މަގުމަތިން ޓެކްސީއެއް ހުއްޓުވައިގެން މިސްރާބުޖެހީ ހޮސްޕިޓަލަށް ދިއުމަށެވެ. އަހަރެން ފެނުމުން ނަދާ ވަރަށް އުފާވިއެވެ. އެތައް އިރަކު އޭނާގެ ކުޑަކުޑަ ލޯބި ދަރުފުޅު އުރައިގެން އިނީމެވެ. ނަދާއާއި އެތަކެއް ވާހަކައެއް ދައްކާ މަޖާކޮށް ހީ ހެދީމެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ލިބިދާނެ ހަބަރަކާމެދު ވިސްނާ ފިކުރުކުރަން އަހަރެންނަށް ވަގުތެއް ނުލިބުނެވެ. އެކަން އިހުސާސް ނުވާ ހާލު އަހަރެން ނަދާއާއެކު އެތައް ސަކަރާތެއް ޖެހުމުގައި ހޮސްޕިޓަލުގައި އިނީމެވެ.

" އަދި ހަނދާން ނެތިފައޭ މިހުންނަނީ... އޭރުގަ އަހަރުމެންނާއި އެކު ކިޔަވަން އުޅުނެއްނު ޝަދަފް ކިޔާސޮރެއް... އެސޮރު އެބައޮތޭ ޖެހިގެން ހުރި ކޮޓަރީގައި އެޑްމިޓްކޮށްފަ... " ހަ އަހަރަށްފަހު ޝަދަފްގެ ނަން އަޑުއިވުމާއި އެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސިކުނޑީގެ ކަނެއްގައި ކޮށްޓައިލިހެން ހީވީ މާޒީގެ ތެރެއިން ދުވަސްތަކެއް ހަނދާންކޮށްލަދޭން އުޅޭ ކަހަލަ ގޮތަކަށެވެ. ވީވެސް އެހެންނެވެ. އަހަރެންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. މާޒީ ހަނދާންވެގެން ދިޔައީ ދެންމެ ދެންމެ ވީކަމެއް ހެންނެވެ. އަހަރެންގެ ހިތްތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. އަހަންނަށް ވަކި އެއްޗެއް ނުބުނެވެނީސް ދެންވެސް ވާހަކަ ދައްކަން ފެށީ ނަދާއެވެ.

" ފިރިސޮރުގެ ރައްޓެއްސެއް އެއީ... ބުނީ ޝަދަފްގެ ހާލު ވަރަސް ސީރިއަސް އޯ... ދެކިޑްނީ ފެއިލްވެފަ. ކިޑްނީ ޓަރާންސްޕްލާންޓް ހެދިފަހުން އަނެއްކާވެސް އެކިޑްނީ ފެއިލްވެގެން ހާލުދެރަވެގެން އެޑްމިޓްކޮށްފަ އޮތީ... ޑޮކްޓަރުންގެ މާބޮޑު އުއްމީދެއް ނެތް... ވީހާވެސް އަވަހަކަށް މާލެ ގެންދެވޭތޯ އެއުޅެނީ... ސާރާ އާ ނުލާހިކު ރައްޓެހި ސޮރެއްނު އެއީ އޭރުގަ.. ދޭބަލަ ގޮސް ގޮވާލާފައި އަންނަން... ދެން ނޭނގެއެއްނު ދިމާވާނެ ކަމެއްވެސް..." އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެން ޝަދަފާ ބައްދަލުކުރާނީ ކިހިނެއް ހެއްޔެވެ. އޭނާ ފެންނަ ހިސާބަށް ނުދާން އަހަރެންގެ ހިތުން އަޒުމް ކަނޑައަޅައިގެން ހުންނަތާ ހަ އަހަރުވެއްޖެއެވެ.

މީގެ ހައަހަރު ކުރިން އަހަންނާއި ޝަދަފަކީ އެއްކިލާހެއްގައި ކިޔަވަމުން ދިޔަ ދެޒުވާނުންނެވެ. އަހަންނަކީ ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ އަދި އެހާ މޮޅު ކުއްޖެކެވެ. ނަމަވެސް ޝަދަފް މުޅިން އިދިކޮޅެވެ. އޭނަ ކިޔަވަމުން ގެންދިޔައީ ނަމަކަށެެވެ. ކުލާސް ތެރޭގައި ސަކަރާތް ޖެހުމާއި ޓީޗަރުންނާއި ދެބަސްވުމަކީ އޭނާގެ އާންމު ކަމެކެވެ. ކިލާސްތެރޭގައި ސަމާލުކަން ނުދޭތީ އަބަދުވެސް ޓީޗަރުން ތިބެނީ އޭނައަށް ގޮވާލަ ގޮވާލައެވެ. އެހުރިހާ ކަަމަކަށް ފަހުގައިވެސް އަހަރެންގެ ހިތް އޭނައަށް ލެނބުނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. އަހަންނަށް އެންމެ ކަމުދިޔައީ އޭނާގެ މަޖާ މިޒާޖެވެ. އޭނާގެ މަޖާ ވާހަކަތަކުންނާއި އުޅޭ ގޮތުން ގިނަފަހަރަށް ކިލާސް ކުދިން ތިބެނީ ހީލަހީލައެވެ. ބައެއް ފަހަރު އަހަންނެކޭ އެއްގޮތަށް އޭނަވެސް އަހަރެންދެކެ ގަޔާވާހެން އަހަންނަށް ހީވެއެވެ. އެއީ އޭނާ އަހަންނަށް ބަލައިލާފައި ހީލާ ގޮތުންނެެވެ. އަހަރެން އިންތިޒާުރު ކުރަމުން ދިޔައީ އޭނާ އަހަންނަށް ލޯބި ހުށައަޅާނެ ވަގުތަކަށެވެ. އަހަންނަށް އޭނައާއި މެދު ފޮނި ހުވަފންތަކެއް ދެކެވުނެވެ. އެތަކެއް އުންމީދު ތަކެއް ކުރެވުނެވެ. މުސްތަޤުބަލު އަހަރެން ސިފަކުރަމުން ދިޔައީ އޭނައާއި އެކުގައެެވެ. ކިޔެވުމުގެ އެންމެ ފަހު އަހަރުގައިވެސް އޭނަ އަހަންނަށް ލޯބި ހުށަނޭޅުމުން ހިތްވަރުކޮށްލާފައި އަހަރެން އެކަމަށް އިސްނެގީމެވެ. އިތުރަށް ކިޔެވުމަށް މާލެދާން ފުރަން އޮތްުދުވަހު އަހަރެން އޭނަ އާ ބައްދަލުކުރީމެވެ. އަހަރެން ލޯބިވާކަމާއި ކުރިއަށް އޮތް ދުވަސްތައް އޭނާއާއި އެކު ހޭދަކުރަން ބޭނުންވާ ވާހަކަ ބުނީމެވެ. ނަމަވެސް އޭނާގެ ފަރާތުން އައި ޖަވާބުން އަހަރެންގެ ހިތްކުދިކުދި ވިއެވެ. އޭނާ އަހަންނާއި ދިމާއަށް ފަތިވަރު ގޮވައިލިއިރު އަހަރެންގެ އިހުސާސްތަކާއި މެދު ކުޑަކޮށްވެސް ވިސްނައިނުލައެވެ. އޭނާގެ ކުރިމަތީގައި އަހަރެން ރޮމުން ދިޔައިރު އޭނާގެ ހިތަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ.

" ލޯތްބޭ... އެއީ އަހަރެން ދަންނަ އެއްޗެއް ނޫން... އެހެންނޫނަސް ކަލޭ ކަހަލަ މީހަކާ އަހަރެން ރައްޓެހިވެދާނޭ ހިތަށް އެރީތީ ހަމަ ހައިރާންވަން.. ކަލޭގެ ކިބައިގައި އަހަންނަށް ކަމުދާކަހަލަ އެއްވެސް ސިފައެއް ނެތް... ހިތަށް އަރާ އަހަންނަށް ލޯބި ހުށައަޅަން ކަލެއަށް ކެރުނުކަމޭ... މީހަކު ކަލެއާ ރައްޓެހިވެދާނެތަ.. ތިހުރީ ހުރި ސިފަ.. ފަލަކަމުން ހީވަނީ ތާންގީއެއް ހެނެއްނު.. ހެހެހެ..." އެންމެފަހުން ޝަދަފް މަލާމާތުގެ ރާގުގައި އެހީލިގޮތް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އޭނާ ކިޔާނެހާ އެއްޗެއް ކިޔާފައި ދިޔައިރުވެސް އަހަންނަށް އިތުރަށް އެންެމެ ބަހެއްވެސް ނުބުނެވުނެވެ. އެދުވަހު އަހަރެން މާލެ ފުރައިގެން ދިޔައީ ދުވަހަކުވެސް ޝަދަފްގެ ކުރިމައްޗަށް ނާންނަން ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ.

" އަޅެ ސާރާ ކިހިނެއްވެފަތަ ތިއިންނަނީ... " އަހަރެން ސިހިގެން ދިޔައީ ނަދާގެ އަޑަށެވެ. މާޒީގެ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިނދެވުނީއެވެ. ނަދާ ކައިރީގައި އެބައަންނަމޭ ބުނުމަށްފަހު އަހަރެން އިންތަނުން ތެދުވީމެވެ. އޭނާއާއި ބައްދަލުކުރުމަށް އަހަރެންެގެ ހިތްބުނަމުން ދިޔައީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. ޖެހިގެން ހުރި ކޮޓަރީގެ ދޮރުމަތީގައި ހުއްޓިފައި އަހަރެން ފުންނޭވައެއް ދޫކޮށްލީމެވެ. ހިތްތެޅޭލެއް ބާރުކަމުން އެދިމާލުން މޭގައި އަތްޖައްސައިލެވުނެވެ. ހިތްވަރުކޮށްލާފައި ކޮޓަރީގައި ދޮރުގައި ޓަކިޖަހާލީމެވެ. މާގިނައިރުތަކެއް ނުވެ އެތެރެއިން ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ކޮއްކޮ ސިދްރާއެެެވެ. އަހަރެން ފެނުމުން ސިދްރާގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. އެހެންނޫނީ އެއީ އަހަންނަށް ހީވިގޮތްކަމުގައިވެސް ވެދާނެއެވެ.

" ސާރާ ދޯ... ދޮންބެއަށް ގޮވާލަންތަ ތިއައީ..." ސިދްރާއަށް އަހަރެންގެ ނަން އިނގުނީތީ އަހަރެން ހައިރާންވިއެވެ. އެއް ސުކޫލަކުން ކިޔެވީމައި ކަމަށްވެސް ވެދާނެއޭ ހިތަށް އެރިއެެވެ. އެތެރެއަށް ވަންނަށް އޭނަ އަހަންނަށް ތަންދެއްކިއެވެ. އަހަރެން ހިނިތުންވާން މަސައްކަތް ކުރަމުން އެތެރެއަށް ވަނީމެވެ. ބަލި މީހާ އޮންނަ އެނދާއި ދިމާއަށް އަހަންނަށް ބަލައިލެވުނު ހިނދު އަހަރެންނަށް ލިބުނީ ޝޮެކެކެވެ. އެނދުމަތީގައި އެއޮތީ މީގެ ހަ އަހަރުކުރިން އަހަންނަށް ފެނުނު ޝަދަފް ކަމާއިމެދު އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. އޭރު ހަށިގަނޑު ވަރުގަދަކޮށް ހުރި މީހާ މިހާރު ހީވަނީ އެނދުމަތީގައި ބާއްވާފައި އޮތް ކަށިކޮޅެއް ހެންނެވެ. މެރިފައި އޮތް ދެލޯ ކައިރި ވަނީ ކަޅުވެ ވަޅުވަދެފައެވެ. އެދެލޯ ހުޅުވާލާފައި އަހަންނާއި ދިމާއަށް ބަލައިލި ހިނދު އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ތުންފަތުގެ ދެމިޔަކަން ދެމިލުމުން އޭނާ ހިނިތުންވެލީކަން އަހަންނަށް އިނގުނެވެ. މަޑުމަޑުން އުފުލައިލި އޭނާގެ ތުރުތުރުލާ އަތުން އޭނާ ކައިރިއަށް އައުމަށް އަހަންނަށް އިޝާރާތް ކޮށްލިއެވެ. އަހަރެންނަށް ހިންދިރުވައިލެވުނީ ހިތަށް ކުރި ފުންއަސަރަކުންނެވެ. އޭނާގެ އެ އެދުމަށް ފުރަގަސްދޭން ނުކެރި އަހަރެން ގޮސް އޭނާ އޮތް އެނދުގެ ބޮލާ ދިމާލުން ހުއްޓުނީމެވެ.

"ސާ...ރާ..." ޝަދަފް އަހަރެންނަށް ގޮވައިލި ހިނދު އޭނާގެ ލޮލުގެ ކަނަކުން ކަރުނައިގެ ރޮނގެއް ފޭބިތަން އަހަރެންނަށް ފެނުނެެވެ.  ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް އަހަރެންނަށް ނޭނގުނެވެ. ކުރިމަތިން ނިއުޅެމުންދިޔަ މަންޒަރުތަކުން ކުރެވުނީ އަހަރެންގެ ސިކުނޑި ހިނދުކޮޅަކަށް ހުއްޓިފައިވާ ކަހަލަ އިޙުސާސެކެވެ.

" އަހަންނަށް... މާ..ފު..ކުރޭ... ސާ...ރާ.." ޝަދަފް ބުނަން މަސައްކަތް ކުރަމުން ދިޔައެެވެ. އެހިނދު އޭނަގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުން އިވެމުން ދިޔަ އަޑުތައް އަވަސްވެލިއެވެ.  އަވަސް އަވަހަށް ސިދްރާ އޭނާގެ ބޭބެ އާ ގާތަށް ޖެހިލިއެވެ.

" އަހަ..ރެ..ން.. ސާ..ސާ..ރާ..ދެކެ..." އަނެއްކާވެސް އޭނާ ބުނަން އުޅުނެވެ. ހަމައެހިނދު އޭނާއަށް ފުން ނޭވާތަކެއް ލެވެން ފެށުނެވެ. އަހަރެންނަށް މެޝިނަށް ބަލައިލެވުނެވެ. އޮކްސިޖަން އިތުރުން ހިތުގެ ތެޅުން ދަށްވަމުން ދިޔައެވެ. ސިދްރާގެ ހަރަކާތްތައް އަވަހެވެ. އޭނާ ދުއްވައިގަތީ ނަރުހަކަށް ގޮވާށެވެ.

" ސާ..ރާ...މާފް..." އެވަރުންވެސް ޝަދަފް ބުނަމުން ދިޔައެެވެ. އަހަރެން ހަދާނެ ގޮތްހުސްވިއެވެ. ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އަހަންނަށް އެއްފަހަރު ޝަދަފަށް ބަލައިލެވިއްޖިއްޔާ ދެވަނަ ނަޒަރު ދެވެނީ މެޝިނަށެވެ.

" އަހަރެން މާފުކޮށްފިން... "  ދެލޯ ކައިރި ފޮހެލާފައި އަވަސް އަވަހަށް އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އެހިނދު ޝަަދަފް ހިނިތުންވެލިތަން އަހަރެންނަށް ފެނުނެވެ. ދެން ފެނިގެން ދިޔަ މަންޒަރުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަަލައެވެ. މެޝިނުގެ ރޮނގުތައް ސީދާވީ އަހަރެން ބަލަަބަލާ ހުއްޓައެވެ. ޝަދަފްގެ ދެލޮލަލަށް ބަލައިލެވުނުއިރު އެދެލޮލުގެ ކަޅި ހުރީ ހުއްޓިފައެވެ. އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އޮތް ކަހަލައެވެ. އަހަރެންގެ މުޅި ހަށިގަނޑު އައްސިވި ކަހަލައެވެ. ހުރިތަނުން ގުޑައިވެސް ނުލެވުނެވެ. މީހަކު އަހަރެންނަށް ގޮވާހެން ހީވިޔަސް އެކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. އެންމެފަހުން އަހަރެން އެތަނުން ނެރުނީ ނަރުސްކުއްޖެއްގެ އެހީގައެވެ. ސިދްރާ ރޮމުން ދިޔަ މަންޒަރު ފެނުނެވެ. އެކަމަކު އޭނާ ކައިރިއަށް ދާކަށް ހިތްވަރެއް ނުލިބުނެވެ.

މިފަދަ ގޮތަކަށް ކަންތައް ވެދާނެ ކަމަކަށް އަހަރެންނަށް ހީކުރެވިފައެއް ނެތެވެ. ޝަދަފާ ބައްދަލު ނުކުރަން އަޒުމް ކަނޑައަޅައިގެން ހުއްޓަސް ތަޤުދީރުގެ ނިޔާ ދެކިބަލާށެވެ. އަހަރެން އޭނަ އާ ބައްދަލުކުރީ އޭނާގެ ފަހުވަގުތު ކޮޅުގައެވެ. ހަގީގަތުގައި މާލޭގައި ހުރެފައި އަހަރެންނަށް މިއާދެވުނީ އެކުވެރިޔާ ގާތަކަށް ނޫނެވެ. އަހަރެންނަށް މިއާދެވުނީ ޝަދަފްގެ މަރާ ބައްދަލުކުރާށެވެ. އޭނާ އަހަރެންގެ ފަރާތުން ބޭނުންވީ މަޢާފެވެ. އަހަރެންގެ މަޢާފު އޭނާއަށް ލިބެން ވެސް ލިބއްޖެއެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އެޅެން ހިނދުކޮޅެއް ނެގިއެވެ. ޝަދަފް ނިޔާވި ޙަބަރު ނަދާއަށް ދިނުމަށްފަހު އަހަރެން ސަހަރާއަށް ދިޔައީމެވެ. އޭނާގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި ބައިވެރިވެސް ވީމެވެ. އޭނާގެ މައްޗަށް ހިތްސާފުކޮށް ހެޔޮދުޢާވެސް ކުރީމެވެ.

ސަހަރާއިން ނިކުންނަނިކޮށް ސިދްރާ އަހަރެންނަށް ގޮވައިލި އަޑަށް ހުއްޓުނީމެވެ. ސިދްރާ އައިސް އަހަރެންނާ އަރާ ހަމަކުރިއެވެ. އޭނާގެ ދެލޮލުން އިންތިހާ ދަރަޖައިގެ ހިތްދަތިކަން ފާޅުވިނަމަވެސް އަހަރެންނަށް ދިނީ ހިނިތުންވުމެކެވެ.

" ސާރާ..، އޭރު ދޮންބެ ސާރާއާއި ދޭތެރޭގައި ކަންތައްކުރި ގޮތުން އަހަރެންވެސް ދެރަވޭ... ސާރާ ހިތަށް އަރާފާނެ އަހަންނަށް ކިހިނެއްހޭ އިނގެނީ... އަހަރެން ދައްކަން މިއުޅެނީ މިހުރިހާ ދުވަހު ސާރާއަށް ނޭނގި އޮތްކަމެއްގެ ވާހަކަ... " ސިދްރާ ދައްކަމުން ގެންދިޔަ ވާހަކައަށް އަހަރެންނަށް ވަރަށް ބޮޑަށް ޝައުޤުވެރިވެވުނެވެ.

" އަހަރެންގެ ދޮންބެ މިދުނިޔޭގައި ލޯބިވީ އެންމެ އަންހެންކުއްޖެއްދެކެ.. އެކީގަ ކިޔެވި ދުވަސްވަރުން ފެށިގެން މަރުވުމާ ހަމައަށްވެސް ދޮންބެގެ ހިތުން ޖާގަ ދެވުނީ އެންމެ އަންހެން ކުއްޖަކަށް.. އެއީ ސާރާ.. " ސިދްރާގެ ވާހަކައިން އަހަރެންނަށް ލިބުނީ ސިހުމެކެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހާފައި އަހަރެންނަށް މަލާމާތް ކުރި ދުވަސް ހަނދާންނެތޭނީ ކިހިނެއް ހެއްޔެވެ؟

" އެދުވަހު ދޮންބެ ސާރާއަށް ކީއެއްޗެއް ކީ އޭނާގެ ހިތާ ދެކޮޅަށް.. އެދުވަހު ގެއަށް އައިސް ދޮންބެ ރުއި ރުއިން އަހަރެންގެ ދެލޮލަށް ފެނުުނު... އަހަރެން ސުވާލު ކުރިން އެހެން ހެދީ ކީއްވެތޯ. ދޮންބެ އެހާ ލޯބިވާ ކުއްޖަކާ ދިމާއަށް އެގޮތަށް އެއްޗެހި ކީ ކީއްވެގެންތޯ.. އިނގޭތަ ދޮންބެގެ ޖަވާބަކަށްވީ ކީކޭކަން.. 'ސިދްރާ! ބައެއް ފަހަރު ލޯތްބަކީ ހާސިލް ކުރުމެއް ނޫން... ބައެއް ފަހަރު ލޯތްބަކީ ތިމާ ލޯބިވާ މީހާގެ އުފަލާއި ހިތްހަމަޖެހުމަށް އެދުން... އެއުފަލާއި ހިތްހަމަޖެހުން އަހަރެންގެ ފަރާތުން ނުލިބިދާނެތީ އަހަރެން ބިރުގަތީ.. ސާރާއަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއް.. އަހަރެންނަކީ އެގޮތް މިިގޮތަށް ރަށުތެރޭގައި ތެޅޭ މީހެއް.. އަހަރެންގެ މުސްތަޤުބަލާ ދޭތެރޭގައި އަހަރެންނަށް އެއްވެސް ޔަގީންކަމެއް ނެތް. އެ ލޯބި ޤަބޫލުކޮށްގެން ސާރާގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް އަހަރެން ބޭނުމެއްނޫން'.. ސާރާއަށް އިނގޭތަ! ދޮންބެއަށް އޭރު ހީވީ ރަނގަޅަށް ކަންނޭނގެ.. ރަށު ތެރޭގައި އެގޮތް މިގޮތަށް ތެޅެން ހަދައިގެން އެންމެފަހުން މަސްތުވާތަކެތީގެ ޝިކާރައަކަށް ދޮންބެ ވި... އެކަމުގެ ނަތީޖާއެއްގެ ގޮތުން ދެކިޑްނީ ފެއިލްވީ... ސާރާ! އަހަރެންގެ ދޮންބެއަށް ހިތްސާފުކުރާތި.." އެދުވަހު ސިދްރާ އެތަނުން ދިޔައީ އަހަރެން ރޮއްވާލާފައެވެ. ލޯބި އެއީ ކޯންޗެއްކަން އަހަންނަށް ސިފަކޮށްދީފައެވެ.

ލޯބީގެ އެތަކެއް ސިފަތަކެއް ވެއެވެ. އެކި މީހުންނަށް ސިފަކުރެވޭ ގޮތް ތަފާތެވެ. ބައެއްފަހަރު ލޯތްބަކީ ހިތްހަމަޖެހުމާއި އުފަލެވެ. ބައެއްފަހަރު ހާސިލް ކުރުމެވެ. ބައެއްފަހަރު ޤުރުބާނީއެވެ. ބައެއްފަހަރު އަނެކާގެ އުފަލަށް އެދުމެވެ. ބައެއްފަހަރު އިންތިޒާރެވެ. އިޙްތިރާމެވެ. ކުލުނެވެ. އޯގާތެރިކަމެވެ. ޝަދަފް އަހަރެންދެކެ ވީ ލޯބި ސިފަކުރެވުނީ އަނެކާގެ އުފަލަށް އެދޭ އެދުމެއްގެ ގޮތުގައެވެ. ޝަދަފް އަހަރެންނާ ދުރުވީ އަހަރެންގެ އުފަލަށް އެދޭތީއެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ޝަދަފް ވިނަމަ މިއަދު އަހަރެންގެ ހާލަކީ ކޮބައި ހެއްޔެވެ؟

އަހަރެން އެހުރިހާ ވާހަކަތަކެއް ބާސިލަށް ކިޔައިދިނީމެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. އޭނާއަށް އެއްވެސް ކަމެއް ސިއްރުކުރުމަކީ އަހަރެން ދުވަހަކުވެސް ނުކުރާނެ ކަމެކެވެ. އެދުވަހުގެ ފަހުން އަހަރެމެންގެ ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި އިތުރަށް ވަރުގަދަވެެގެން ދިޔައެވެ. ހިނގާދިޔަ ކަންތަކުން ދެމީހުންނަށްވެސް އިބްރަތެއް ހާސިލްވެއްޖެއެވެ.

ނިމުނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް