ޅ. ނައިފަރަށް ނިސްބަތްވާ މަރިޔަމް ޝިފާ އަކީ މިހާރު ދިވެހި ޒުވާނުންގެ މެދުގައި ވަރަށްވެސް މަގްބޫލު ފަންނާނެކެވެ. ޓިކްޓޮކް ވީޑިއޯތަކުން ފެންނަންފެށި ޝިފާ މިހާރު އަންނަނީ ދިވެހި ފިލްމުތަކުންވެސް ފެންނަމުންނެވެ. ޝިފާގެ ފޭން ބޭސްވެސް ދުވަހެއް ދުވަކަށް ދަނީ އިތުރުވަމުންނެވެ.
ބެލުންތެރިންނަށް މިއަދު މި ހިއްސާ ކޮށްލަނީ މީގެ ފަސް އަހަރު ކުރިން، ޓީވީ މޯލްޑިވްސް އިން ގެނެސްދިން މޯލްޑިވިއަން އައިޑަލްގައި ޝިފާ ހުށަހަޅާދިން ހުށަހެޅުމެކެވެ. މިއީ ޝިފާގެ މިފަދަ ފުރަތަމަ ފެނިލުން ކަމުގައި ބެލެވެއެވެ.
މޯލްޑިވިއަން އައިޑަލްގެ ނައިފަރު އޮޑިޝަންގައި ޝިފާ ހުށަހަޅާދިން ލަވައަކީ "ދުނިޔެ މަށަށް މި އަނދިރިވީ އުޅެވުނު ގޮތަކުން" މި ލަވައެވެ.
ލަވަކިޔަން ފެށުމުގެ ކުރިން، ޖަޖު އުނޫޝާ ކުރި ސުވާލަކަށް ޖަވާބުދެމުން ޝިފާ ބުނެފައިވަނީ ޝިފާގެ ލަވަކިޔުން ރީތި ކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށެވެ. ލަވަ ކިޔުމުގެ އިތުރުން ކުރެހުމަކީވެސް ޝިފާ ކުރާ ކަމެއް ކަމަށް ޝިފާ ބުނެފައިވެއެވެ. އޭރު ޝިފާގެ އުމުރަކީ އެންމެ 16 އަހަރެވެ.
ލަވަ ކިޔާ ނިމުމުން ޖަޖު އަންމަޑޭ "ނޯ" އޭ ބުނުމުން ޝިފާއަށް ރޮވުނެވެ. ނަމަވެސް އަނެއް ދެ ޖަޖުން "ޔެސް" ބުނުމުން އޮޑިޝަނުން ޝިފާއަށް ޓިކެޓު ލިބުނެވެ. މި ވީޑިއޯ ނިމޭ ތަނުން ޝިފާ ރޯ މަންޒަރާއި ޝިފާ އުފަލުން ފުންމާ މަންޒަރުވެސް ފެނިގެން ދެއެވެ.
https://www.youtube.com/watch?v=_jzJSkntsHI
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް