މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށް ނިމޭވަރު ވާނީ އަންނަ ހުކުރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އެވެ. އެރޭ ހއ. ބ. ފ. އދ. އަދި މ. އަތޮޅުގެ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރި އިރު އިއްޔެ ވަނީ ވަރަށް ގިނަ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހުރިހާ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމޭވަރުވާނީ މާދަމާ ކަމަށެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަންޖެހޭ ވަކި މުއްދަތެއް އިންތިހާބާ ބެހޭ އާއްމު ގާނޫނުގައި ނެތް ނަމަވެސް ވޯޓުލާތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ. އެހެން ކަމުން ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ މި މަހުގެ 24 ގެ ކުރިން އިއުލާނު ކުރަން ޖެހޭނެ އެވެ.
މި އިންތިހާބުގައި 182،995 މީހުން ވޯޓު ލިއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 67 ޕަސެންޓް މީހުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ކައުންސިލް އިންތިހާބުގައި 2،234 އަދި އަންހެނުންގެ ކޮމިޓީއަށް 1،580 ކެންޑިޑޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް