ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބައެއް ހިދުމަތްތައް މެދުކަނޑާލައިފި އެވެ.
ކޯވިޑް-19 މާލެ ތެރެއަށް ފެތުރުމާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯޕީޑީ އާއި އެހެނިހެން ކްލިނިކްތަކުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. މި ހިދުމަތްތައް މެދުކަނޑާލާފައިވަނީ މާދަމާ އާއި މިމަހުގެ 18 ވާ ހޮނިހިރު ދުވަހު އެވެ.
އެ ހޮސްޕިޓަލުން ބުނީ މި ތަންތަނުގެ ހިދުމަތް19 ވަނަ ދުވަހު ދިނުމާއި މެދު ހޮނިހިރު ދުވަހު ގޮތެއް ނިންމާ ހާމަ ކުރާނެ ކަމަށެވެ.
އެކަމަކު އެ ހޮސްޕިޓަލުގެ އެމަޖެންސީގެ ހިދުމަތާއި އައިޕީޑީ ނުވަތަ އެޑްމިޓްކޮށްގެންް ފަރުވާ ދެމުންދާ މީހުންނަށް މެދު ނުކެނޑި ހިދުމަތް ދެމުންދާނެ ކަމަށް ބުނެފައިވެ އެވެ.
ކޯވިޑް-19 ޖެހިފައިވާ މީހަކު މިއަދު މާލެ އިން ފެނުމާއި ގުޅިގެން މާލެ ސަރަހައްދާއި ގުޅީފަޅު އަދި ތިލަފުށި ވަނީ 24 ގަޑިއިރަށް ބަންދުކޮށްފައި އެވެ. އެއީ އެމީހާ އާއި ގުޅުން ހުރި މީހުން ދެނެގަތުމަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިރޭ ވަނީ މިއަދު ޕޮސިޓިވްވި މީހާ އާއި ގުޅުންހުރި އިތުރު މީހަކު ބައްޔަށް ޕޮސިޓިވް ވެފައި އެވެ.
އެޗްޕީއޭއިން ބުނީ މިހާރު ރާއްޖޭގައި ކޯވިޑް-19 ފެތުުރެމުންދަނީ ގައިންގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ކަމަށެވެ. އެއީ މިއަދު ޕޮސިޓިވް ވި މީހާ އަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވުމާއި، ބަލި ޖެހިފައިވާ މީހަކާ ދިމާވެފައިވާ މީހަކަށް ނުވާތީ އެވެ.
ބެލެވޭގޮތުގައި އޭނާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީން ކުރަން ފެށުމުން ކުރިން ރާއްޖެ އައިސް ބަލީގެ އަލާމާތްތައް ފެންނަން ނެތުމުން ދޫކޮށްލި މީހެއްގެ ފަރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް