އެއްވެސް ގުޅުމެއް ނެތި ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓެގް ޓީމުގެ މެންބަރު ޑރ. އަލީ ލަތީފު ވިދާޅުވީ މިއަދު މާލެއިން ޕޮސިޓީވްވި ދިވެހި މީހާ އަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވާތީ އާއި ޕޮސިޓިވް ވި މީހާކާއި ގުޅުން ހުރި މީހަކަށް ނުވާތީ ބަލި އާންމުންގެ ތެރޭގައި ފެތުރެން ފަށާފައިވާ ކަމަށެވެ. އެކަމަކު މިކަމުގެ ތަފްސީލް އަދި ދެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ބެލެވޭ ގޮތުގައި އެމީހާއަށް ބަލިޖެހިފައިވަނީ ރާއްޖެ އެތެރެވި މީހުންގެ ތެރެއިން ބަލީގެ އަލާމާތެއް ފެންނަން ނެތް މީހެއްގެ ފަރާތުން ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19 އަކީ އަދި މާލެއިން ބަލި ފެނުމަމީ ނުރައްކާތެރި ކަމެއް ކަމަށެވެ.
މި ބަލިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ ގޭގައި ތިބުމާއި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުން ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވި އެވެ. ޑރ. އަލީ ލަތީފު ވިދާޅުވީ ކޯވިޑް-19 އަކީވެސް ރޯގާއެއް ނަމަވެސް މިއީ އާދައިގެ ބައްޔެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
މި ވައިރަސްގެ އަސަރު ކުރާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުން އެޑްމިޓްކޮށް ފަރުވާދޭން ޖެހޭ ކަމަށާ އަދި ފަސް ޕަސެންޓް މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭ ކަމަށެވެ. އަދި ދެ ޕަސެންޓަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
ޑރ އަލީ ވިދާޅުވީ ކޯވިޑް-19 ގެ ނުރައްކާތެރިކަން ރައްޔިތުންނަށް ބުނެދޭން ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ބިރެއްނެތި އަދިވެސް ބައެއް މީހުން މަގުތަކަށް ނިކުންނަމުންދާ ކަމަށާ މާލެ 24 ގަޑިއިރުގެ ލޮކް ޑައުންއަކަށް ގެންދަން ޖެހުނީ ވެސް އެފަދަ ސަަބަބުތަކާއި ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް