ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ބަދަލުވަމުންދާ މި ދަނޑިވަޅުގައި ދޮގު މައުލޫމާތު ނުފެތުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ ބައްޔާ ގުޅޭގޮތުން ހާމަ ކުރަންޖެހޭ ހުރިހާ މައުލޫމާތެއް އެންމެ ފުރިހަމަ ގޮތުގައި އެ އެޖެންސީން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި އެޗްޕީއޭއިން ފޯރުކޮށްދޭ މައުލޫމަތަކީ ކަށަވަރު މައުލޫމާތުތައް ކަމަށް ވިދާޅުވި އެވެ.
މިފަދަ ދަނޑިވަޅެއްގައި ދޮގު މައުލޫމާތާއި ކަށަވަރު ނުވާ މައުލޫމާތު ފެތުރުން ހުއްޓާލަން އިލްތިމާސް ކުރާ ކަމަށެވެ.
އެޗްޕީއޭއިން ރަސްމީ މައުލޫމާތުތައް އާންމު ކުރަމުންދަނީ ގެޒެޓާއި އެޗްޕީއޭގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ.
މިއަދު މާލެ ތެރެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ވައިރަހަށް ޕޮސިޓިވް ވެފައިވާއިރު އާންމުންގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައި އެވެ.
އެޗްޕީއޭއިން ބުނީ މިފަދަ ދަނޑިވަޅެއްގައި ހާސްނުވެ ސިއްހީ މާހިރުން ދެއްވަމުންދާ އިރުޝާދުތައް އަޑު އެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އިޖްތިމާއީ ގައިދުރު ކަމަށް ބާރު އަޅައި، ގޭގައި މަޑު ކުރުމަށް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް