ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ކުންފުނިތައްވެސް އެންމެ ފަހުން ހާމަކޮށްފި

ކޯވިޑް-19 ގެ އެންމެ ނުރައްކާތެރި ހާލަތުގައި ބޭނުން ކުރަން ރާއްޖެ ގެންނަ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ކުންފުނިތަކުގެ މައުލޫމާތުވެސް އެންމެ ފަހުން ހާމަކޮށްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއ...

15 Apr 2020 | 08:19

ކޯވިޑް-19 ގެ އެންމެ ނުރައްކާތެރި ހާލަތުގައި ބޭނުން ކުރަން ރާއްޖެ ގެންނަ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ކުންފުނިތަކުގެ މައުލޫމާތުވެސް އެންމެ ފަހުން ހާމަކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހަ ޕޯޓަބަލް ވެންޓިލެޓަރާއި20 އައިސީޔޫ ބެޑް ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ "ނާޑް" ކިޔާ ކުންފުންޏަކާ ކަމަށެވެ. މީގެ ތެރެއިން ހަ ވެންޓިލޭޓަރު އެކަނި ގެންނަން1.3 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ކުއްލި ހާއްސަ ހާލަތުގެ ގަވާއިދުގެ ތެރެއިން ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ "މެޑްޓެކް" ކުންފުންޏާ އެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކުރީ 14 މިލިއަން ރުފިޔާ އަށެވެ.

ޑަބްލިއުއެޗްއޯ މެދުވެރިކޮށް ވެންޓިލޭޓަރު ގެންނަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެއީ 75 ވެންޓިލޭޓަރު ގެންނާށެވެ. އެއީ34 މިލިއަން ރުފިޔާ އެވެ.

މަބްރޫކް ވިދާޅުވީ މީގެ ތެރެއިން މަސައްކަތުގެ ކުރިން ފައިސާ ދީފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށެވެ. އެ ކުންފުންޏަށް ވަނީ ޖުމްލަ އަގުގެ70 ޕަސެންޓު ހަވާލު ކޮށްފައި އެވެ.

މި ކުންފުނިތަކުގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ވަނީ 28 ވެންޓިލޭޓަރު ރާއްޖެ އަށް ހަދިޔާ ކުރާނެކަން ކަށަވަރުކަން ދީފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެއީ ޔުނިސެފުން ތިން ވެންޓިލޭޓަރު، ވޯލްޑް ބޭންކުން 18 ވެންޓިލޭޓަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަރާތުން ހަތަރު ވެންޓިލޭޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ން ތިން ވެންޓިލޭޓަރެވެ.

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ 151 ވެންޓިލޭޓަރަށް 56.3 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ސަރުކާރުގެ އަމާޒަކީ އެ ބައްޔަށް ފަރުވާ ދިނުމަށް ޖުމްލަ 200 ވެންޓިލޭޓަރު ގެނައުމެވެ.

ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރި ކުންފުނިތަކުގެ މައުލޫމާތު އާންމު ކުރީ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނަމުންދާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް