ކޯވިޑް-19 ގެ ރާއްޖޭގެ ހާލަތާއި ގުޅޭ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބައްދަލުވުން އޮންނާނީ މިއަދު މެންދުރު12:30 ގައި ދަރުބާރުގޭގައި ކަމަށެވެ.
ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި މިވަނީ މާލެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް ދިވެއްސަކު ޕޮސިޓިވްވެފައިވާ ދަނޑިވަޅެއްގައި އެވެ. އެމީހާ އަކީ މާލޭ ހިޔާ ބިއްދޮށުގައި ހަދާފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެއް ކަމަށާއި އެމީހާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ދަތި އުނދަގޫ ދަނޑިވަޅެއްކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި ކެއްތެރިކަމާއި އެކު ތިބުމަށް އިލްތިމާސް ކުރެއްވި އެވެ.
https://twitter.com/mabrouq/status/1250304237117927431
މަބްރޫކް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން ޑޮކްޓަރުންނާއި ކަމާ ބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް