ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރު ބަންދުކޮށްފައި ވާތީ ގިނަ މުވައްޒަފުން މުހިންމު މަސައްކަތެއް އޮތް ނަމަ ކުރަމުން އަންނަނީ ގޭގައި ތިބެ ކަމަށެވެ. އެކަމަކު ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކުރަމުންދަނީ ބުރަ މަސައްކަތެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މަބްރޫކް ވިދާޅުވީ އެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އުނި ނުކޮށް ކުރާ މަސައްކަތަށް ފައިސާ ދޭނެ ކަމަށެވެ. އަދި މިހާރު ސިއްހީ ދާއިރާގެ މީހުންގެ އެލަވަންސް ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ތަފްސީލް ހާމަކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ސަރުކާރުން މިފަދަ އެލަވަންސެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއިރު، މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ރަނގަޅު އެހީއެއް ވެދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް