މިއަދު ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި ދެ ޓޫރިސްޓުން ތިބި އައިލެންޑް ސަފާރީ1 ގައި ތިބި ހުރިހާ އެންމެން ކަރަންޓީން ކުރަން ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހަށް ޕޮސިޓިވްވެފައި ތިބި ދެމީހުން މިވަގުތު ތިބީ އެ ސަފާރީގައި ކަމަށެވެ. އަދި އެ ސަފާރީ މިހާރު ދަތުރު ކުރަމުންދަނީ ލ. އަތޮޅާއި ދިމަލަށް ކަމަށެވެ.
އޭނާ ވިދާޅުވީ ލ. އަތޮޅުން ބައްޔަށް ޕޮސިޓިވްވި ދެމީހުން ސަފާރީން ބާލާނެ ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން އަށް ފަރުކޮޅުފުއްޓަށް ގެނެވޭނެ ކަމަށެވެ
މަބްރޫކް ވިދާޅުވީ މިހާތަނަށް ނިންމާފައިވަނީ އެ ސަފާރީގައި ތިބި އެންމެން ކަރަންޓީން ކުރުމަށް ކަމަށެވެ. އެހެންކަމުން އެ ސަފާރީ އިތުރު ރަށަކަށް މަޑު ނުކޮށް މާލެ އައުމުން ފަޅުވެރިންނާއި އިތުރު ޓޫރިސްޓުން ތިބިނަމަ އެމީހުން ކަރަންޓީން ކުރެވޭނެ ކަމަށެވެ.
ލ. އަތޮޅުގައި28 ކަރަންޓީން ފެސިލިޓީ އަދި22 އައިސޮލޭޝަން ފެސިލިޓީ ގާއިމްކޮށްފައިވާ ކަމަށް ރޭ މަބްރޫކް ވިދާޅުވި އެވެ. އެކަމަކު އެ ދެމީހުން ލ. އަތޮޅާ ހިސާބުން ސަފާރީން ބޭލުމަށް ފަހު މާލެ ގެންނަނީ އިތުރަށް އެ ކޭސް މޮނިޓާ ކުރުމަށް ކަމަށް މިރޭ ވިދާޅުވި އެވެ.
އެ ސަފާރީގައި ތިބީ ކިތައް މީހުން ކަމެއް އަދި ހާމައެއް ނުކުރެ އެވެ. މިވަގުތު ސަފާރީގައި އެޗްޕީއޭގެ ޓީމެއްވެސް އެބަތިބެއްވެވެ.
ދެ ޓޫރިސްޓުން ޕޮސިޓިވްވި އިރު ސަފާރީ އޮތީ ފުވައްމުލަކު ސިޓީ ހިމެނޭ ސަރަހައްދުގައި އެވެ. އޭގެ ފަހުން މާލެ އައި މަގުމަތީގައި ކާއެއްޗެހި އެރުވުމަށް ގއ. ވިލިނގިއްޔަށް ބަނދަރު ކުރި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެރަށަށް އޭގެން އެއްވެސް މީހަކު ނުފައިބާ ކަމަށާއި ސަފާރީއަށް ކާބޯތަކެތި އެރުވީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ.
މި ދެމީހުންނާއި އެކު މިހާރު ރާއްޖޭގައި ކޮރޮނާ ވައިރަސް ޖެހިފައިވާ13 މީހުން އެބަ ތިއްބެވެ. އެއީ ހުސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް