ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ޑޭޓާ ހިލޭ ދޭގޮތަށް ހަމަޖައްސައިފި އެވެ.
ދިރާގުން މިއަދު ބުނީ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާޗު މަހާއި އޭޕްރީލް މަހު 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސެއް ދޭނެ ކަމަށެވެ. މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ސްކޫލާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ވިޔަފާރި ކަސްޓަމަރުންނާއި މޮބައިލް ކަސްޓަމަރުންނަށްވެސް ލުއި ތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އެ މައުލޫމާތުތައް ވަރަށް އަވަހަށް ހާމަ ކުރާނެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ސްކޫލްތައް އެއް ހަފްތާއަށް ބަންދުކޮށް ކޮލެޖް ޔުނިވާސިޓީތައް ދެ ހަފްތާއަށް ބަންދު ކުރަން އަންގާފަ އެވެ.
މިވަގުތު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު މިހާތަނަށް ރާޢްޖެއިން13 މީހަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް