ކޯވިޑް-19: މިމަހު ބިލް ނުދެއްކުނަސް އުރީދޫގެ ހިދުމަތް ކަނޑާނުލާނެ

ދިވެހިރާއްޖެއިންވެސް ކޯވިޑް-19 ފެނިފައިވާއިރު އެންމެންނާއެކު އުރީދޫ މި ޝިޔާރުގެ ދަށުން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް އުރީދޫން ތައާރަފް ކޮށްފިއެވެ. އެގޮތުން އުރީދޫއިން މިއަދު ހާމަކޮށްފައިވާގޮތ...

15 Mar 2020 | 11:22

ދިވެހިރާއްޖެއިންވެސް ކޯވިޑް-19 ފެނިފައިވާއިރު އެންމެންނާއެކު އުރީދޫ މި ޝިޔާރުގެ ދަށުން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް އުރީދޫން ތައާރަފް ކޮށްފިއެވެ.

އެގޮތުން އުރީދޫއިން މިއަދު ހާމަކޮށްފައިވާގޮތުގައި މި މަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކްތަކުގެ ނަމްބަރުތައްވެސް ހިމެނޭހެން ހިލޭ އެސްއެމްސް ކުރެވޭނެއެވެ.

ފޯނު ބިލާއި، ފައިބަރ އަދި ވަޔަރލަސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމަށް ބުނެފައިވެއެވެ.

އަދި އެޗްޕީއޭއިން އަންގައިގެން ގޭގައި މަޑުކުރަން ޖެހޭ އާއިލާތަކަށް ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25% ބޯނަސް ޑޭޓާ ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން އެ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި މި ހާލަތުގައި އުރީދޫގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި ހާލަތުގައި މުއާމަލާތްތައް ކުރުމުގައި އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ހިފުމަށްވެސް އެދިފައިވެއެވެ.

އުރީދޫއިން މިހާރުވެސް އަންނަނީ ކޯވިޑާ ދެކޮޅަށް ގައުމުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޗްޕީއޭގެ ޕޭޖް ވަނީ ހިލޭ ކޮށްފައެވެ. އަދި އެޗްޕީއޭއިން އުރީދޫގެ ކަސްޓަމަރުންނަށް ފޮނުވާ އެސްއެމްއެސްތައް ވަނީ ހިލޭކޮށްދީފައެވެ. މީގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ގުޅާއިރު އަންނަ ޓިއުންސް މިހާރު ވަނީ ކޯވިޑަށް ހޭލުންތެރިކުރުމުގެ މެސެޖުތައް އަޑުއިވޭނެހެން ބަދަލުކޮށްފައެވެ.

https://twitter.com/OoredooMaldives/status/1239137358001229830

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް