މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކުރުމުން، ދަރިވަރުންގެ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިޔުމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ޔޭސްޓީވީ މެދުވެރިކޮށް ގްރޭޑު 10 އަދި 11 ގެ ދަރިވަރުންނަށް "ޓެލި ކިލާސް" ގެ ނަމުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ތަފާތު އެކި ވަސީލަތްތަކުގެ އެހީގައި ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ބޭނުމަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް އެ ފިލާވަޅުތައް ފޯރުކޮށްދިނުން ކަމަށެވެ.
ޓެލެ ކިލާސްގެ އިތުރުން އެޑިއުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑްގެ އިތުރުން ވެބްޕޯޓަލް އަދި ގޫގުލް ޑްރައިވް މެދުވެރިކޮށް ވެސް ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
72 ގައުމު ހިމެނޭ ޔުނެސްކޯގެ އެޑިއުކޭޝަން މިނިސްޓަރުންނާ އެކު މި ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް، އެ ބޭފުޅުން އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރެއްވީ، ސްކޫލުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ހުރިހާ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ކަމަށް މިނިސްޓަރް ވިދާޅުވެއެވެ.
އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން ސްކޫލުތަކަށް އަންގާފައިވާނެ ކަމަށާއި، ދަރިވަރުންނަށް ކިޔަވައިދޭނެ ވަސީލަތެއް ނިންމާނީ އެ ޓީޗަރު ކަމަށެވެ. އިތުރަށް އިހުސާން ވިދާޅުވީ ސްކޫލު މެދުކަނޑާލަން ޖެހިއްޖެ ހާލަތު ދިގުލައިގެން ހިނގައްޖެ ނަމަ އެކަމަށް ތައްޔާރުވުމަށް ހާއްސަ ސްކީމެއް ޓީޗަރުން އެކުލަވައިލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް